ރާއްޖެއިން އެއްވެސް ފަރުވާއެއް ދެވެން ނެތިގެން އިންޑިއާއަށް ފޮނުވި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އެހީތެރިންގެ ގޮތުގައި ދިޔަ މީހުން ހޮސްޕިޓަލްގެ ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މޯލްޑިވިއަންގެ ޗާޓާ ފްލައިޓެއްގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ 29 މީހަކާއި އެމީހުންގެ އެހީތެރިން އިއްޔެ ރޭ އެ ގައުމަށް ފޮނުވި އެވެ. އެމީހުނަށް ފަރުވާ ދެމުންދަނީ އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުގައި އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއަށް އެތެރެވާ މީހުން ކަރަންޓީން ކުރުމުގައި އަމަލު ކުރަމުންދާ އުސޫލާއި ހިލާފަށް ހާއްސަ ހުއްދައެއްގެ ދަށުން އެމީހުން އިންޑިއާއަށް އެތެރެވުމާއި އެކު ވަގުތުން ގެންދެވިފައިވަނީ އަމްރިތާ ހޮސްޕިޓަލަށް ކަމަށެވެ. އަދި ރާއްޖެއިން ދިޔަ ކޮންމެ ބަލި މީހަކާއި އެހީތެރިޔާ ތިބީ ވަކި ކޮޓަރިތަކެއްގައި ކަމަށެވެ. އެމީހުންނަށް އެތަނުން ބޭރަށް ނުކުތުން ދެ ގައުމުން އެއްބަސްވެފައިވާ ގޮތުން މަނާވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެ މައުލޫމާތު ބަލިމީހުންގެ އެހީތެރިންނަށް އެނގޭނެ ކަމަށާއި އެކަމަކު އެހީތެރިން ބޭރަށް ނުކުމެ އުޅުމާއި ހޮސްޕިޓަލުން ބޭރަށް ދާ ކަމުގެ ޝަކުވާ އަމްރީތާ ހޮސްޕިޓަލްގެ ފަރާތުން އާސަންދަ ކުންފުންޏަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް އެމީހުންގެ އަމަލުތައް ތަކުރާރު ކުރާނަމަ ބަލި މީހުންނާއި އެކު ވަކި ތަނެއްގައި ކަރަންޓީން ކުރަން ޖެހިދާނެ ކަމަށް އެ ހޮސްޕިޓަލުން އާސަންދައަށް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވަނީ ކޯވިޑް-19 އާއި ގުޅިގެން އަމްރީތާ ހޮސްޕިޓަލުގައި ބަލިމީހުންނާއި އެހީތެރިން އަމަލު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރައްވާފައި އެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ސްޓޭޓްތަކުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގަވައިދުތަކަށް އިހުތިރާމްކޮށް އަމަލު ކުރުމަށް އެދިވަޑައިގެންނެވި އެވެ.
އިންޑިއާ އަކީ މިހާރު އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ އެއް ގައުމެވެ. އެހެންވެ އިންޑިއާއަށް މި ދުވަސްވަރު އެތެރެވުމަށް ހުއްދަ ދިނުން އޮތީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އެވެ.
ރާއްޖެއިން އިންޑިއާއަށް ފޮނުވި މީހުން އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދީފައިވަނީ ދެ މަސްދުވަސް ވަންދެން އާސަންދަ ކުންފުންޏާއި ފޮރިން މިނިސްޓްރީން ކުރި މަސައްކަތުންނެވެ.
މިހާތަނަށް އިންޑިއާގައި 566،840 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 16،893 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް