ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން ސްކޫލްތަކުގެ ކިޔެވުން ފަށައިފި އެވެ.
އަލުން ސްކޫލްތައް ފަށާފައިވަނީ "ނިއު ނޯމަލް" ގައި ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ހުރިހާ ދަރިވަރުން ސްކޫލަށް ވައްދާނީ އަތް ދޮވެ، ޓެމްޕަރޭޗާ ބަލައި ހެދުމަށް ފަހު އެވެ.
ހުރިހާ ސްކޫލެއްގައި އިންތިޒާމްތައް ހަމަޖައްސާފައިވަނީ އިޖްތިމާއީ ގައިދުރު ކަމުގައި ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތަށެވެ. ހުރިހާ ދަރިވަރުންނާއި މުވައްޒަފުންނާއި ޓީޗަރުން ސްކޫލްގައި އުޅެން ޖެހެނީ މާސްކު އަޅައިގެންނެވެ.
ނިއު ނޯމަލްގައި ސްކޫލްތަކުގެ ކިޔެވުން ފެށީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
އެގޮތުން މާލެއަކީ ކޯވިޑް-19 ފެތުރެމުންދާ ރަށަކަށް ވާތީ މާލޭ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭނީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ކިޔަވައިދެމުންދާނީ ގްރޭޑް އެކަކުން ފެށިގެން މަތީ ގްރޭޑްތަކަށެވެ.
ފައުންޑޭޝަން ލެވަލްކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީ ކުދިންގެ ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުންދަނީ އޯގަސްޓު މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. ޕްރީ ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކުގެ ކިޔެވުން ފެށުމުގެ ހުއްދައެއް އަދި ނުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް