ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ މީހުންގެ އަދަދު އިތުރުވަނީ، މާލޭ މީހުންވެސް ހިމެނޭ!

މާލޭގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ އާއިލާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. މިރޭ އެންއިއޯސީގައި ނޫސްވެރިންނަށް މައުލޫމ...

01 Jun 2020 | 18:29

މާލޭގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ އާއިލާތަކުގެ އަދަދު އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މިރޭ އެންއިއޯސީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ މިހާތަނަށް ގެއިން ނުކުންނަން ޖެހިގެން 220 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ކުދި ވިޔަފާރިތަކާއި ޓެކްސީ ކޮށްގެން އާމްދަނީ ހޯދާ މީހުންގެ އިތުރުން ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީން ކުލި ދައްކައިގެން މާލޭގައި ދިރިއުޅެމުންދިޔަ މީހުން ހިމެނޭ ކަމަށެވެ.

އޭގެ ތަފްސީލް ދެއްވަމުން ޔުމްނާ ވިދާޅުވީ އޭޕްރިލް މަހާއި އަޅާ ބަލާއިރު މެއި މަހު ކުލި ނުދެއްކިގެން ގޭގެއިން ނެރެމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑާއި ގުޅިގެން ދިމާވާ އިގްތިސޯދީ މައްސަލަތަކުގައި ކުއްލި ދެއްކުމުގެ މައްސަލަ ނުކުންނާނެކަން ކުރިން ސަރުކާރަށް އެނގޭކަމަށާއި އެކަމަކު މި މައްސަލަ މިހާ ބޮޑަށް އިތުރުވާނެ ކަމަށް ގަބޫލު ކުރެވިފއިނުވާ ކަމަށެވެ.

މިދިޔަ އޭޕްރިލް މަހު ދިރިއުޅޭ ގެއިން ނުކުންނަން ޖެހުމުގެ ސަބަބުން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ. މެއި މަހުގެ އަދަދުތަކަށް ބަލާއިރު ފުރަތަމަ ހަފްތާގައި 11 މީހަކަށް، ދެވަނަ ހަފްތާގައި 25 މީހަކަށް އަދި ތިން ވަނަ ހަފްތާގައި 22 މީހެއްގެ އިތުރުން ހަތަރު ވަނަ ހަފްތާގައި 18 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.

ޔުމްނާ ވިދާޅުވީ މީގެ ތެރެއިން 98 މީހުންނަކީ ދިރިއުޅޭ ތަނުން ނުކުންނަން ޖެހިގެން ރިޕޯޓު ކުރި ވަކިވަކި ފަރުދުންކަމަށެވެ. އަނެއް 122 މީހުންނަކީ 19 އާއިލާއަކަށް ނިސްބަތްވާ މީހުންކަމަށާއި މި މީހުންގެ ތެރޭގައި މާލޭގެ ރައްޔިތުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ މިފަދަ ހާލަތެއްގައި ކުއްޔަށް އުޅޭ ފަރާތްތަކަށް އަވަހަށް ވަޒީފާއެއް ލިބެން ނެތުމާއި އެކު ކުލި ނުދެއްކޭނެ ކަމަށް ވެރި ފަރާތުން އަމިއްލައަށް ނިންމުމަށް ފަހު ނުކުންނަން އަންގާފައިވެސް އެބަހުރި ކަމަށެވެ. އެހެންވެ ސަރުކާރުން ގެންދަނީ ވީހާވެސް އަވަހަކަށް ކުއްޔަށް އުޅޭ މީހުން ގެއިން ނެރުމުގެ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅުތަކެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުން ކަމަށް ވިދާޅުވި އެވެ.

މީގެ ތެރެއިން ގިނަ މީހުން އެދެމުންދަނީ ވީހާވެސް އަވަހަކަށް ރަށަށް ބަދަލުވެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށާއި އެކަމަކު މި ވަގުތު އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވެސް ބަޔަކު ނުފޮނުވޭނެ ކަމަށް ވިދާޅުވި އެވެ. އަތޮޅުތެރެއަށް ދާން ބޭނުންވާ މިގޮތަށް ހާލުގައި ޖެހިފައި ތިބި މީހުންވެސް ވިހާވެސް އަވަހަކަށް ކަރަންޓީން ފެސިލިޓީތަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް