ނޫސްވެރިންނާއި މެދު ހިތްހަމަ ނުޖެހުމެއް އުޅެނިކޮށް ފުލުހުންގެ ތަރުޖަމާނު މަގާމުން ދުރުކޮށްފި

ފުލުހުންގެ މީޑިއާ ޔުނިޓާއި ނޫސްވެރިންނާއި ދެމެދު މައުލޫމާތު ހިއްސާ ކުރުމުގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައި ވަނިކޮށް ކުއްލިއަކަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މަގާމުން ދުރުކޮށްފި އެވެ. ފ...

01 Jun 2020 | 13:22

ފުލުހުންގެ މީޑިއާ ޔުނިޓާއި ނޫސްވެރިންނާއި ދެމެދު މައުލޫމާތު ހިއްސާ ކުރުމުގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައި ވަނިކޮށް ކުއްލިއަކަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މަގާމުން ދުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ނޫސްވެރިންގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެއްޖެގައި ބުނެފައި ވަނީ މިއަދުން ފެށިގެން ފުލުހުންގެ ތަރުޖަމާނުގެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވާނީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ކަމަށެވެ. މިގެނައި ބަދަލާއި އެކު ދުވަހުން ދުވަހަށް މައުލޫމާތު ދިނުމުގައި ހަރަކާތްތެރިވާނީ ޗީފް ސްޓޭޝަން އިންސްޕެކްޓާ އާތިފާ ހަސަން ކަމަށް މެސެޖުގައި ބުނެފައިވެ އެވެ.

އިޒްމިއާ ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތަށް ފުލުހުންގެ އިދާރާއިން ޝުކުރު އަދާ ކޮށްފައިވެ އެވެ. އަދި މީޑީއާ އާއި ފުލުހުންނާއި ދެމެދު ގާތް ގުޅުމެއް އުފެއްދުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އިޒްމިއާ ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނީ އިޒްމިއާގެ ބަދަލުގައި އެހެން މީހަކު ފުލުހުންގެ ތަރުޖަމާނަކަށް ހަމަޖެއްސީ އާންމު އުސޫލުގެ ތެރެއިން އިދާރީ ގޮތުން ގެނެވުނު ބަދަލެއްގެ ތެރެއިން ކަމަށެވެ. އަދި މިނޫން އެހެން މަގާމުތަކަށްވެސް ބައެއްކަހަލަ ބަދަލު ގެނެސްފައިވާ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ މިހާރެކޭ އެއްގޮތަށް ދެފަރާތުގެ ގުޅުން ކުރިޔަށް އޮތްތާވެސް ވަރުގަދަވާނެ ކަމަށެވެ.

އިޒްމިއާ މަގާމުން ދުރުކޮށްފައި މިވަނީ މިފަހަކަށް އައިސް ނޫސްވެރިންނާއި ފުލުހުންގެ މީޑިއާ އާއި ދެމެދު ބޮޑެތި ނުތަނަވަސްވުންތަކެއް އުފެދިފައި ވަނިކޮށެވެ. ފުލުހުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ކުރާ ސުވާލުތަކާއި ގުޅިގެން ހިތް ހަމަނުޖެހިގެން ބައެއް ނޫސްވެރިން ބޭރު ކުރުން ފަދަ ކަންކަމާއި ބައެއް މައްސަލަތަކާއި ގުޅިގެން ފުލުހުންނަށް ވަކި ވަކި ނޫސް އިދާރާތަކުން ކުރާ ސުވާލުތަކަށް ޖަވާބު ނުދޭ މައްސަލައިގަވެސް ނޫސްވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ. އަދި މިފަހަކަށް އައިސް ފުލުހުންގެ މީޑިއާއިން ފޯނު ނުނަގާ މައްސަލައިގަވެސް ނޫސްވެރިން ހިތްހަމަ ނުޖެހުން ފަޅުކޮށްފައިވެ އެވެ.

ދާދިފަހުން ފުލުހުން ވަނީ ސުވާލު ނުކުރެވޭ ގޮތަށް ހަމައެކަނި ފުލުހުން ހާމަކުރާ މައުލޫމާތުތައް ފެންނަގޮތަށް ހެދުމަށް ޓެލެގްރާމް ގްރޫޕެއް ހަދާފައި އެވެ. އަދި އެ ގްރޫޕަށް ވަނުމަށް ނޫސްވެރިންނަށް ދައުވަތުދީފައިވެ އެވެ.

މިކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އިޒްމިއާއަށް ނޫސްވެރިން އަމާޒު ކުރުމުން އޭގެން އެއްވެސް ސުވާލަކަށް އިޒްމިއާ އާއި ފުލުހުންގެ މީޑިއާއިން މިހާތަނަށްވެސް ޖަވާބުދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް