ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)، ގާނޫނުގައިވާ ގޮތަށް ފުރިހަމަ ތަނެއްގެ ގޮތުގައި ހިންގުމަކީ ލާޒިމް ކަމެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެންއައިސީއަކީ ވަކިވަކި ފުލުހުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް، ގާނޫނީ ގޮތުން އުފައްދާފައި އޮންނަ މިނިވަން މުއައްސަސާއެކެވެ. މިނިސްޓަރު އެ ކޮމިޝަނާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުން އެދުނު މައުލޫމާތު، އެންއައިސީން ނުދިނުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެފައި ވަނިކޮށެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އާއި ޖަލުތަކުގައި ނުހަމަ ގޮތެއްގައި ކަންކަން ނުހިންގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރާ މަސައްކަތެއް ކަމަށެވެ. އެކަމަކު ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅު އެޅުމަށް ގާނޫނުގައި ބުނާ މިނިވަން މުސްތަގިއްލު ގޮތުގައި، އެންއައިސީ ފުރިހަމަ ގޮތުގައި ހިންގުމަކީ ލާޒިމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނނިސްޓަރު ވަނީ ގާނޫނޫގައި އެހެން ބުނެފައި އޮންނަ މާއްދާގެ ފޮޓޯއެއް ޓުވީޓާއި އެކު ހިއްސާ ކުރައްވާފައި އެވެ.
https://twitter.com/ShimranAb/status/1267341068955049985
ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނުން ހޯދަން އެދުނު މައުލޫމާތުތަކަކީ ކޯވިޑް-19 ފެތުރެން ފެށި ފަހުން، މިނިވަން މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓަށް ބޭނުންވެގެން ހޯދި މައުލޫމާތެވެ. އެ މައުލޫމާތުތައް މަޖިލީހަށް ފޯރުކޮށްދީފައި ނުވާތީ މަޖިލީހުގެ ރައީސް ވަނީ ކޮމިޝަނުގެ އިތުބާރުއޮތް ކަމާއި މެދު ސުވާޅު އުފައްދަވާފައި އެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލު ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް