ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ދާދި އަވަހަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ރައްދުދެއްވައިފި އެވެ.
ޔަމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅާ ކަމަށްވާ ގައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ރައީސް މައުމޫނާއި ގައްސާންގެ ބޭބޭފުޅު ފާރިސް މައުމޫންވެސް ވިދާޅުވާތަން މިހާރުވެސް ފެންނަ ކަހަލަ ކަމަށެވެ. ގައްސާން މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ޔާމީން ޖަލަށް ލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށް ގައްސާންގެ އާއިލާ ދެކޭނެ ކަމަށް ގަބޫލް ކުރައްވާކަމަށް ވިދާޅުވުމުންނެވެ.
ގައްސާން ވިދާޅުވީ މިހާރު އޮތް ސަރުކާރު ކޯލިޝަން މުގުރުމުން ކަންތައްތައް ފެންނަން ފަށާނެ ކަމަށެވެ. އޭރުން ވަހީދު އެ ވިދާޅުވި ކަހަލަ އެތައް މަންޒަރެއް ފެންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެގޮތުން ގައްސާން ފާހަގަ ކުރައްވާފައިވަނީ ކޯލިޝަން ޕާޓީތަކުގެ މިނިސްޓަރުންގެ އިތުބާޜުނެތްކަމުގެ ވޯޓު ނަގަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރެއްވުމެވެ.
ގައްސާންގެ މި ވާހަކަތަކަށް ރައްދު ދެއްވައި މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ނޫންކަމަށް ރައީސް މައުމޫނަށް ވިދާޅުނުވެވޭނެ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު އެ ބަސް އަމާޒު ކުރައްވާފައިވަނީ ސީދާ ގައްސާނަށްކަން ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ ޔާމީންގެ ވެރިކަމުގައި ހުކުމް ކުރުމަކައި ނުލައި މައުމޫން އެތައް ދުވަހަކު ޖަލުގައި ބަންދުކޮށްފައިވާތީ އެވެ. އަދި ގައްސާންގެ ބޭބޭފުޅު ފާރިޝް މައުމޫންވެސް ޔާމިންގެ ވެރިކަމުގައި ޖަލަށް ލާފައިވެ އެވެ.
އެކަމަކު އޭރު ގައްސާން އެ ބޭފުޅުންގެ ދިފާއުގައި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އެހެންވެ ރައީސް ޔާމީންގެ ދިފާއުގައި މިހާރު ގައްސާން ފާޅުގައި ވާހަކަ ދައްކަވާތީ ގިނަ ބަޔަކު ގެންދަނީ އެ ދެކަން އަޅައި ކިޔާ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް