ކޯވިޑް-19 އާއި ގުޅިގެން ކަރެންޝަންސްގެ ދަށުން ހިންގާ ޖަލުތަކުގައި އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މާފުށީ ޖަލާއި އައްސޭރި ޖަލު އާންމު ހާލަތަށް ގެނެސްފި އެވެ.
ކަރެކްޝަންސްއިން ބުނީ ޖަލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައި މާލެ ފިޔަވާ އެހެން ރަށްތައް އާންމު ހާލަތަށް ގެނެސްފައިވާތީ ކަމަށެވެ. މައި ޖަލު ހުންނަ ކ. މާފުއްޓާއި އައްސޭރި ޖަލު ހުންނަ ހިންމަފުއްޓަކީ މިހާރު ކޯވިޑް-19 އާއި ގުޅިގެން އާންމު ހާލަތަށް ގެނެސްފައިވާ ދެ ރަށެއްވެ.
މި ދެ ޖަލު އާންމު ހާލަތަށް ގެނަޔަސް މާލޭ ޖަލުގައި އަދިވެސް ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ކުރަމުންދާނެ އެވެ. ކަރެކްޝަންސްއިން ބުނި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅަށް ލުއި ދޭން ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާ ފެށިގެން ދާނީ މާލެ ފުރަބަންދު ކޮށްފައި އޮތްއޮތުމަށް ނިމުމަކަށް އައުމުން ނުވަތަ އެކަމަށް ލުއިތަކެއް ދިނުމަށް ނިންމާ ހިސާބުންނެވެ. ދެވަނަ މަރުހަލާ ފެށިގެންދާނީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލާ ހިސާބުންނެވެ. އަދި ތިން ވަނަ މަރުހަލާ ފެށިގެން ދާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުންނެވެ.
ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފެށޭނެ ކަމަށާއި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފެށިގެންދާއިރު، ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ.
ފުރަތަމަ މަރުހަލާގެ ދަށުން މާފުށީ ޖަލާއި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްފައިވާއިރު، ޖަލު ސަރަހައްދުން ބޭރުގައި ދިރިއުޅޭ އޮފިސަރުންނާއި މުވައްޒަފުން ޑިއުޓީ ނިންމުމަށްފަހު ގެއަށް ދެވޭނެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން މާސްކު އަޅުވައިގެން އެލަވަންސް ވަޒީފާ އަދާކުރާ ގައިދީން މަސައްކަތަށް ނެރެން ފަށާނެ އެވެ.
މި މަރުހަލާގެ ދަށުން ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދާ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފަށާނެ އެވެ. އަދި އެއްޖަލެއްގައި ބަންދުކޮށްފައި ތިބޭ ދެމަފިރިންނަށް އެކަހެރި ބައްދަލުވުން ދިނުމަށް ވަނީ ނިންމާފައި އެވެ.
ލުއި ތައް ދީފައިވަނިކޮށް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިއްޖެ ނަމަ، ނުވަތަ އެ ރަށެއް މޮނީޓަރިން ހާލަތަށް ގެންގޮސްފި ނަމަ، ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ރިއާޔަތްކޮށް، ޖަލުގެ އެލާޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ޖަލުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް އަޅަމުންދާ ގިނަ ފިޔަވަޅުތައް މެދު ކެނޑުމެއްނެތި ކުރިއަށް ގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް