ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 25.55 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ ނިޔަލަށް 453 މީހަކުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އިއްޔެ އެކަނިވެސް ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ 47 މީހަކު ރަނގަޅުވެފައިވެ އެވެ.
ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އެއްފަހަރާ ގިނަ ބަޔަކު ރަނގަޅުވާން ފަށާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި އެވެ. ގިނައިން ރަނގަޅުވަމުންދަނީ ބަލި ޖެހުނު ދިވެހިންނެވެ.
އޭގެ ކުރިން އެޗްޕީއޭއިން ބުނެފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަލި ޖެހޭ މީހުން ރަނގަޅުވާ މުއްދަތާއި ބަލާފައި ރާއްޖޭގައި ބައްޔަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވާ މުއްދަތު ދިގު ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލީ ދިރާސާއެއް އަދި ނުކުރާކަމަށް ބުނެފައިވެ އެވެ.
އާންމުކޮށް ރާއްޖޭގައި ބަލި ޖެހެމުންދަނީ ޒުވާން އުމުރުފުރާއަށް ވެފައި އެމީހުން މާ ސީރިއަސްއެއް ނުވެ އެވެ. މި ބަލީގައި ސީރިއަސް ހާލަތަކަށް ފަސޭހައިން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި 1،100 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރޭގައި974 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
ޖުމްލަ ރާއްޖެއިން ވައިރަހަށް1،773 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ބަލީގައި މަރުވެފައި ވަނީ ފަސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް