އަރަބި ކަނޑުގައި އިންޑިއާ އާއި ލަކްޝަދްވީޕް ކައިރީގައި މިހާރު އުފެދިފައިވާ "ވެލް ފޯމްޑް ލޯ ޕްރެޝަރު" ތޫފާނަކަށް ބަދަލުވެއްޖެ ނަމަ ދޭނެ ނަމަކީ ތޫފާން "ނީސާގާ" އެވެ. މި ނަމަކީ ބަންގްލަދޭޝް އިން ދޭ ނަމެކެވެ. އަދި މިއީ މި ސަރަހައްދުގެ ތޫފާނީ ނަންތަކުގެ ތާރީހީ ފެށުމެކެވެ.
2004 ގައި ޕާކިސްތާނުގެ އައްސޭރި ފަށަށް އެރި ތޫފާން "އޮނި" އިން ފެށި ނަން ލިސްޓު، ބަންގާޅު ކަނޑުގައި އެންމެ ފަހުން އުފެދުނު ތޫފާން "އަމްޕަން" އާއި ހަމައިން ވަނީ ނިމިފައެވެ.
މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް 2004 އިން 2020 އަށް ދީފައިހުރި ނަންތައް އެ ނިމުނީ ޖުމްލަ 64 ތޫފާނަށް ފަހުގައެވެ. ތޫފާން ތަކުގެ އެ ލިސްޓަށް ރާއްޖެއިންވެސް އަށް ނަމެއް ދީފައި އޮތެވެ. އެއީ ތޫފާން "ހިބަރު"، ތޫފާން "ގޮނު"، ތޫފާން "އައިލަ"، ތޫފާން "ކެއިލަ"، ތޫފަން "މަޑި"، ތުފާން "ރޯނު"، ތޫފާން "މެކުނު" އަދި ތޫފާން "ހިކާ" އެވެ.
2004 އިން 2020 އަށް ބޭނުންކުރި ތޫފާން ނަންތަކުގެ ލިސްޓަށް މި ސަރަހައްދުގެ އަށް ގައުމަކުން ނަން ދީފައި އޮތެވެ. އެއީ ބަންގްލަދޭޝް، އިންޑިއާ، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ސްރީ ލަންކާ އަދި ތައިލެންޑެވެ.
އެ ލިސްޓު ނިމި މިހާރު މިވަނީ އާ ލިސްޓެއް އެކުލަވާލާފައެވެ. މި ފަހަރުގެ ލިސްޓަށް 13 ގައުމަކުން ނަންތައް ދީފައި އެބަވެއެވެ. އެ ގައުމުތަކަކީ ބަންގްލަދޭޝް، އިންޑިއާ، އީރާން، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ޤަތަރު، ސައޫދީ އަރަބިއްޔާ، ސްރީލަންކާ، ތައިލެންޑް އަދި ޔޫއޭއީ ހިމެނެއެވެ. ކޮންމެ ގައުމަކުންވެސް 13 ނަމެއް ދީފައިވެއެވެ.
މި ލިސްޓަށް ރާއްޖެއިންވެސް 13 ނަމެއް ދީފައިވެއެވެ. އެއީ ބުރެވި، މިދިލި، ކާނި، އޮޑި، ކެނައު، އެންދެރި، ރިޔައު، ގުރުވަ، ކުރަނގި، ކުރެދި، ހޯރަނގު، ތުނޑި އަދި ފަނާއެވެ.
މި ލިސްޓުގެ ތަރުތީބަށް ބަލާއިރު މިހާރު ލަކްޝަދްވީޕް ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެއްޖެނަމަ ކިޔާނެ ނަމަކީ ނީސާގައެވެ. އަދި ދެން މި ސަރަހައްދަށް އަންނަ ތުފާނަކަށް ކިޔާނީ "ގާޓީ" އެވެ. އެއީ އިންޑިއާއިން ދީފައިވާ ނަމެކެވެ. ތިން ވަނަ އަށް އަންނަ ތޫފާނަކަށް ކިޔާނީ "ނިވާރ" އެވެ. އެއީ އީރާނުން ދީފައިވާ ނަމެކެވެ. އަދި ހަތަރުވަނައަށް ކިޔާނީ ރާއްޖެއިން މި ލިސްޓަށް ދީފައިވާ ފުރަތަމަ ނަމެވެ. އެއީ "ބުރެވި" އެވެ.
އުފެދިއްޖެނަމަ ތޫފާން "ނީސާގާ" އެހެން ގޮތަކުންވެސް ތާރީހީ ތޫފާނަކަށްވޭ
މި ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވެއްޖެ ނަމަ އެހެން ގޮތަކުންވެސް މި ތޫފާން ވެގެންދާނީ ތާރީހީ ތޫފާނަކަށެވެ. އެއީ އިންޑިއާއިން ކޮންމެ އަހަރެއްޖެ ޖޫން މަހަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އަންނާނެ މަސް ކަމަށް ބަލާއިރު، ތާރީހުން ދައްކާ ގޮތުގައި ޖޫން މަހު މި ސަރަހައްދުގައި ތޫފާނެއް އުފެދި، އެ ތޫފާނުގެ ސީދާ އަސަރު އިންޑިއާގެ މަހަރަޝްތުރާ ސަރަހައްދާއި އިންޑިއާގެ ވެރިރަށް މުމްބާއި އަށް ކޮށްފައިވަނީ މީގެ 129 އަހަރު ކުރިން 1891 ގައެވެ.
1948ގައި އަދި 1980ގައި އެ ސަރަހައްދުގައި ދެ ކޮޅިގަނޑެއް އުފެދުނެވެ. ނަމަވެސް އެ ދެ ކޮޅިގަނޑުވެސް ތޫފާނަކަށް ބަދަލުވެފައެއް ނުވެއެވެ.
ވެލް ފޯމްޑް މި ލޯ ޕްރެޝަރުގެ މިސްރާބު ހުރީ އަރަބި ކަނޑުން އުތުރަށް ކަމުގައިވިޔަސް ޖޫން ދޭއްގައި މި (އޭރު ބެލެވޭގޮތުގައި އޮންނާނީ ތޫފަނަށް ބަދަލުވެފައޮ) މިސްރާބު އިންޑިއާއާއި ދިމާއަށް އަނބުރާލާނެ ކަމަށް އިންޑިއާގެ މެޓް އޮފީހުން އަންދާޒާ ކުރެއެވެ. އަދި ސީދާ އިންޑިއާއަށް މި ތޫފާން އަރާނެ ކަމަށްވެސް އަންދާޒާ ކުރެއެވެ.
ނަމަވެސް މި ތޫފާން (އުފެދިއްޖެނަމަ) އިންޑިއާއަށް އަރާނީ ސީދާ ކޮން ދިމާލަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ. އެހެންނަމަވެސް މޫސުން ދިރާސާކުރާ ސްކައިމެޓުން އަންދާޒާކޮށްފައިވަނީ މި ތޫފާން އަރާނީ މަހަރަޝްތުރާ އަދި ގުޖުރާތުގެ ދެކުނު ބޯޑަރު ސަރަހައްދަށެވެ.
މި ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލުވާނެ ކަމަށް އިންޑިއާގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން އަންދާޒާކޮށްފައިވަނީ މިފަދަ މޫސުމީ ބަދަލުތައް ދެނެގަންނަ ބައެއް މޮޑެލްތަކަށް ބަލައިގެންނެވެ. އެހެންނަމަވެސް މި ލޯ ޕްރެޝަރު ތޫފާނަކަށް ބަދަލު ނުވުން އެވެސް އަދި ހަމަ އެކަށީގެންވާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް