ރާއްޖެއިން ފަރުވާ ދެވެން ނެތް 33 މީހަކު އެބަތިބި: އާސަންދަ

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދާ 33 މީހަކު އެބަ ތިބިކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ. މިރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހ...

31 May 2020 | 20:01

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދާ 33 މީހަކު އެބަ ތިބިކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

މިރޭ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު ވިދާޅުވީ އެ 33 މީހުންނަކީ މިހާރުން މިހާރަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ މީހުން ކަމަށެވެ. އެމީހުންނަށް ދެވޭނެ އެއްވެސް ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެމީހުންނަކީ ސީރިއަސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށެވެ.

މަރިޔަމް ވިދާޅުވީ ކޯވިޑާއި ގުޅިގެން ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލައި ލޮކްޑައުން ކޮށްފައިވާތީ އެމީހުންގެ ފަރުވާގެ ކަންކަން ހުއްޓިފައިވާތީ އެކަން ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެމީހުން އިންޑިއާ ނުވަތަ ސްރީލަންކާއަށް ގެންދިއުމުގެ ހުއްދަ ހޯދަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމުތަކުގެ ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުންނަކީ މީގެ ކުރިންވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައި ތިބި މީހުން ކަމަށެވެ. މި މީހުންގެ އިތުރުންވެސް ރާއްޖެއިން ބޭރަށް ފޮނުވައިގެން އާސަންދައިގެ ދަށުން ފަރުވާ ދެމުންދިޔަ އެތައް ބަޔަކު އަލުން ފަރުވާއަށް ރާއްޖެއިން ބޭރަށް ނުދެވިފައި އެބަތިބި ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި އެ ހުރިހާ އެންމެން ގެންދެވެން ނެތް ކަމަށާއި އެކަމަކު އެ 33 މީހުން ގެންދެވޭތޯ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މަރިޔަމް ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ކުރެވެން ނެތް އޮޕަރޭޝަންތަކާއި ރޭޑިއޭޝަން ފަދަ ފަރުވާ ދޭންޖެހޭ މީހުންކަމަށެވެ.

މީގެ އިތުރުން ކޯވިޑާއި ގުޅިގެން ރާއްޖޭގެ ރަށްތައް ލޮކްޑައުން ކޮށްފައިވާތީ މާލެއަށް ފަރުވާއަށް ގެންނަން ޖެހޭ މީހުން ގެނައުމަށްވެސް އާސަންދައިން ދަނީ ހަރަދު ކުރަމުންނެވެ. މަރިޔަމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުން 44 މީހަކު އިތުރު ފަރުވާއަށް މާލެ ގެންނަން މޯލްޑިވިއަންގެ 31 ފްލައިޓެއް ޗާޓާ ކޮށްފައިވާ ކަމަށެވެ.

އަދި މުހިންމު ފަރުވާތައް ކަމަށްވާ ޑަޔަލަސިސް ހެދުމާއި، ތެލަސީމިއާ ކުދިން ލޭއުޅުމާއި، މާބަނޑު މީހުން ވިހެއުން ފަދަ ކަންކަމަށް 161 މީހަކު އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް އާސަންދައިން ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޯވިޑާއި ގުޅިގެން އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ތެރެއިން އަލަށް އުފަންވާ ކުދިންނަށް މަންމަގެ އައިޑީކާޑު ބޭނުން ކުރެވޭ މުއްދަތު ވަނީ އިތުރުކޮށްފައި އެވެ. ކުރިން 28 ދުވަސް ވަންދެން މަންމަގެ އައިޑީކާޑުގައި ކުއްޖާއަށް ފަރުވާ ކުރެވުނަސް މިހާރު އުފަންވާ ކުދިންނަށް ލޮކްޑައުންގެ މުއްދަތު ނިމެންދެން މަންމަގެ އައިޑީކާޑު ބޭނުން ކޮށްގެން ސިއްހީ ފަރުވާ ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް