މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ފުރައްސާރަ އާއި ޖިންސީ ގޯނާއާ ދެކޮޅަށް ރައިޒް އަޕް މޫވްމަންޓުން އިންތިޒާމްކޮށް މިރޭ ބާއްވާ އެއްވުމުގައި ބައިވެރިވުމަށް ވީހާ ވެސް ގިނަ ޒުވާނުންނަށް ދައުވަތު ދޭ ކަމަށް އެ މޫވްމަންޓުން ބުނެފިއެވެ.
ރައިޒް އަޕް މޫވްމަންޓަކީ ޖިންސީ ގޯނާއާ ދެކޮޅަށް ވަކާލާތުކުރާ ޒުވާނުންގެ ހަރަކާތެކެވެ.
ރަސްފަންނު ސަރަހައްދުގައި 1 މޭ ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:45 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މި އެއްވުމަކީ މަސައްކަތު މާހައުލުގައި ކުރިމަތިވާ ޖިންސީ އެކި ކަހަލަ އަނިޔާތަކާއި، ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވުމާއި ގުޅިގެން އަޑުއުފުލުމުގެ ގޮތުން ބާއްވާ ސުލްހަވެރި އެއްވުމެކެވެ.
މި ޒުވާނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އުސްފަސްގަނޑު ސަރަހައްދުގައި ވެސް އެ ފަދަ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމަށް ފުލުހުން ހުރަސްއެޅި ނަމަވެސް، މިކަން އިންތިޒާމްކުރާ ޒުވާނުން ބުނީ، އެއްވުންތައް ބާއްވާނެ ކަމަށާއި ހިޔާލުފާޅުކުރުން ނުހުއްޓުވޭނެ ކަމަށެވެ. އަދި މި ފަދަ އެއްވުންތައް ބާއްވަންޖެހެނީ މުއްސަސާތަކާއި އިދާރާތައް ފެއިލްވެފައި ވާތީކަން ކަންބޮޑުވުމާއެކު އެ ޒުވާނުން ފާހަގަކުރިއެވެ.
މިއީ މަދަނީ ޖަމިއްޔާއަކުން ހިންގާ ހަރަކާތެއް ނޫނެވެ. އަދި ސިޔާސި ހަރަކާތެއް ވެސް ނޫނެވެ.އެ މޫވްމަންޓްގައި އިސްކޮށް އުޅޭ ނުހާ އާދަމް ވިދާޅުވީ، މި އެއްވުމުގައި ބައިވެރިންގެ އިހުސާސްތަކާއި ޝުއޫރުތައް ފާޅުކުރުމުގެ އިތުރުން ބައެއް ކަންކަމަށް ޑިމާންޑް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަސައްކަތު މާހައުލުގައި އުޅޭ އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމަށް ގޮވާލުން ހިމެނެއެވެ.
މި އެއްވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ރެލީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބެނާ ނުވަތަ ބޯޑު ފަދަ ތަކެތީގައި ޝުޢޫރު ލިޔެގެން ގަޑިއަށް އެ ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް