ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ވިޔަފާރި ހިންގައި ކުރިއަރުވައި މަސައްކަތްތެރިން ބިނާ ކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އޮްނލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މަބްރޫކު ވިދާޅުވީ މަސައްކަތްތެރިން ބިނާ ކުރުމަށްޓަކައި ވަޒީފާތައް އުފެއްދުމަށް ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެކަނިވެސް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު 9000 ވަޒީފާ އުފެއްދޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 721 ފަރާތަކަށް 906 މިލިއަން ރުފިޔާގެ ލޯނުގެ އެހީ އެޕްރޫވް ކުރެވިފައިވާ ކަމަށެވެ.
މީހުން ބިނާ ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަބުްރޫކް ފާހަގަކުރީ "ސްކިލްސް ފޯރ އަ ރެސިލިއަންޓް ވާރކްފޯސް" އެވެ. މިއީ ސަރުކާރުން މިދިޔަ އަހަރު އިއުލާނުކޮށް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުންވެސް 1200 ޒުވާނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއާއި އައިސީޓީ އަދި ޓޫރިޒަމާ ގުޅުންހުރި އިމާރަތް ކުރުމުގެ ދާއިރާވެސް ހިމެނިފައިވެއެވެ.
މަބްރޫކު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ނިމިދިޔަ ހަފުތާގެ ތެރޭގައިވެސް 100 ދަރިވަރަކު ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުމަށް ތައްޔާރު ކުރެވިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް