އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މަސައްކަތްތެރިންގެ ހައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ.
އެގޮތުން އެމްޑީޕީން ކުރި މަސައްކަތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސާވިސް ޗާޖު މިހާރު ކަށަވަރު ކޮށްދެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ބުރަ ބޮޑު އަހަރަކަށްވީ ނަމަވެސް މިއަހަރު ފެންނަނީ އުއްމީދީ ގޮތަކަށް ކަމަށެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިމަމް ވޭޖްގެ ގޮތުގައި ރަނގަޅު އަދަދެއް މިއަހަރުތެރޭ ދިނުމުގެ އަމާޒުގައި ތިބި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހެވެ. ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނުނަށް އަމަލުކުރަން ފަށައި މަސައްކަތްތެރިންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށް ފަހުގަވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މެއި އެއްވަނަ ދުވަހަކީ ބަންދު ދުވަހެކެވެ. އެގޮތުން ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް