ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުރި ރެއާލް މެޑްރިޑްގެ އިތުބާރު ޑިފެންޑަރ އަދި އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަނިޔާއިން ރަނގަޅުވެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ޗެލްސީއާއި ދެކޮޅަށް ކުޅޭނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ޒިދާންބުނީ ރެއާލް މެޑްރިޑް ކުޅުނު މުހިންމު ގިނަ މެޗުތަކެއް އަނިޔާގެ ސަބަބުން ރާމޯސްއަށް ގެއްލިފައިވާ ކަމަށާއި އެގޮތުން އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ހިމެނޭކަމަށެވެ. އަދި އެ މެޗުގައި ރާމޯސް ނެތުމުން އެތަން ފޫބައްދަން އުނދަގޫވި ކަމަށާއި ނަމަވެސް ދެވަނަ ލެގުގައި މުޅިން ފިޓުވެ ރާމޯސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭނެ ކަމަށް ޒިދާން ވަނީ ބުނެފައެވެ.
" ރާމޮސް އާއި ނުލާ އަހަރެމެން މުހިންމު ގިނަ މެޗުތަކެއް ކުޅެފިން. އެ ހުރިހާމެޗެއްގައިވެސް އޭނާ ނެތްތަން ފާހަގަވި. އަދި އެތަން ފޫބެއްދުމަށް އުނދަގޫތަކެއް ކުރިމަތިވި. ޚާއްސަކޮށް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް ގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ހިމެނޭ. ނަމަވެސް ރާމޯސް މިހާރުވަނީ އަނިޔާއިން މުޅިން ރަނގަޅުވެ ފަރިތަކުރުންތަކަށް ވެސް ނިކުމެފަ. އޭނާ ދެވަނަ ލެގުގައި ކުޅޭނެ.: ޒިދާން
ރާމޯސް އަކީ ރެއާލް މެޑްރިޑްގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިތުބާރު ކުޅުންތެރިއެކެވެ. އެގޮތުން ފަހުން އެޓީމު ކުޅުނު ގިނަ ބޮޑެތި މެޗުތަކުގައި ރާމޯސް ވަނީ މުހިންމުދައުރެއް އަދާކޮށް ލަނޑުތަކެއްވެސް ޖަހައިދީފައެވެ. ރާމޯސް އަކީ މިވަގުތު ރެއާލްގެ ފަހަތް ބަލަހައްޓާ އެންމެ އިތުބާރު ޑިފެންޑަރެވެ. އަދި ޓީމުގެ ކެޕްޓަންވެސް މެއެވެ.
2005 ވަނަ އަހަރު ރެއާލް މެޑްރިޑާއި ގުޅުނު ރާމޯސް އޭނާ ރެއާލްގައި ހޭދަކުރި ދިގު މުއްދަތުގައި އެޓީމާއި އެކު ގިނަގުނަ ކާމިޔާބީތަކެއްވެސް ވަނީ ހޯދާފައެވެ. ރާމޯސް މިހާތަނަށް އޭނާ ރެއާލް މެޑްރިޑަށް ކުޅުނު 469 މެޗުގައި 72 ގޯލުވަނީ ޖަހައިދީފައެވެ. ރާމޯސް އަކީ ސްޕެއިންގެ ގައުމީޓީމުގައިވެސް ހިމެނޭ ކުޅޫންތެރިއެކެވެ. އޭނާ އަކީ ސްޕެއިންގެ ގައުމީޓީމުގެ ކެޕްޓަންވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް