ރިޔާސީހާލީގައި ބަރުލަމާނީ ބިހެއް ފީ ނުކުރެވޭނެ: ރީކޯ މޫސަ

ރިޔާސީހާލީގައި ބަރުލަމާނީ ބިހެއް ފީ ނުކުރެވޭނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެެވެ. އެމްޑީޕީގެ ޗެއާރޕާސަކަށް ކުރިން ހުންނެވި އަދި އެ ޕާޓީގެ ވިޕްލައިނާ ޚިލާފުވި ކަމަށް ބުނެ ޕާޓީން ވަކިކުރެއްވި އެ...

01 May 2021 | 07:41

ރިޔާސީހާލީގައި ބަރުލަމާނީ ބިހެއް ފީ ނުކުރެވޭނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޗެއާރޕާސަކަށް ކުރިން ހުންނެވި އަދި އެ ޕާޓީގެ ވިޕްލައިނާ ޚިލާފުވި ކަމަށް ބުނެ ޕާޓީން ވަކިކުރެއްވި އެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރު ރީކޯ މޫސަ މިހެން ވިދާޅުވީ މޭޑޭގެ މުޒާުހަރާ ހަނދާން އާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާސީހާލީގައި ބަރުލަމާނީ ބިހެއް ފީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ބޮޑުވަޒީރުކަމަށް އަންނަން ކުރައްވާ މަސައްކަތަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވުމަށެވެ.

ރީކޯ މޫސަ ވިދާޅުވީ، ‏2006ގައި އޮތް މޭޑޭ މުޒާހައަކީ 30 އަހަރުގެ ޚުދުމުޚްތާރުވެރިކަން ސިއްސުވާލި ފުރަތަމަ މަގުމަތީ މުޒަހަރާ ކަމަށެވެ. އަދި ހުރިހާ ބުރަޔަކާ ނާމާންކަމެއްގައި ޕާޓީ ނަގާކޮޅައްޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް މާޒީ ނުފޮހެވޭނެ ކަމަށް ރީކޯ ވިދާޅުވިއެވެ.

ރީކޯ ވަނީ އެ މުޒާހަރާގައި އޭނާ ހަރަކާތްތެރިވާ ފޮޓޯއެއް ވެސް ހިމަނާފައެވެ.

"ޕާޓީ ނަގާކޮޅައްޖެހި ޚިދުމަތްތެރިން ގެއްލުވާލިއަސް"އޭ ވިދާޅުވެ އެ އިޝާރާތްކުރެއްވީ އޭނާ ފަދައިން އެ ޕާޓީއަށް ޚިދުމަތްކުރެއްވި ބޭފުޅުން އެ ޕާޓީން ވަކިކޮށްފައިވާތީ އެ ކަމަށެވެ.

އޭރު އެ ޕާޓީގެ ޗެއާޕާސަން އަލީ ވަޙީދަށް މޫސަ ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން ގަބޫލު ނުކުރެވޭ ކަމަށާއި އޭނާ އާއި މެދު އަމަލު ކޮށްފައިވަނީ ބޭ އިންސާފުން ކަމަށެވެ. މޫސަ ވިދާޅުވީ އޭނާ އާއި މެދުވެސް އަމަލު ކުރަން ޖެހޭނީ އެދުވަހު ވޯތުގައި ބައިވެރި ނުވި އެހެން މެންބަރުންނާއި މެދު އަމަލު ކުރި ގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކި ކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ  ، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން ރައްޔިތުން މަޖިލީހުން ވޯޓު ލީ ދުވަހު މަޖިލީހަށް ވަޑައިނުގެންނެވުމުންނެވެ. އެދުވަހު އެމްޑީޕީގެ ހަ މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެ އެވެ. އެހެން ނަމަވެސް އެފަދަ ފިޔަވަޅެއް އެޅީ މޫސައާއި ދެކޮޅަށް އެކަންޏެވެ.

މޫސަ ވިދާޅުވެފައިވަނީ އެމްޑީޕީގެ ގުނަންތަކުން ބަލަން ޖެހޭ ކަންކަން ރަނގަޅަށް ނުބަލާ، އޭނާ ފަދަ “ޕާޓީ އަށްޓަކައި ތެދުވެރިކަމާ އެކު މަސައްކަތްކުރަމުންދާ” ބޭފުޅަކު ޕާޓީން ވަކިކުރީ، އާއްމުންގެ މެދުގައި އޭނާ ފަލީހަތް ކުރުމަށް ކަމަށެވެ.

“ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ވަކި ބަޔަކު ޒާތީ ގޮތުން އަޅުގަނޑާ ދޭތެރޭ ކަންތައްތަކެއް ކުރުމަށް ރާވައިގެން ހިންގާފައިވާ ކަމެއް އެއީ،” މޫސަ  އަލީ ވަހީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ޕާޓީން ވަކިކުރުމުގެ އިތުރަށް، މޫސައާ ދެކޮޅަށް ހަރުކަށި އެހެން ފިޔަވަޅުތަކެއް އަޅަން ވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވެ އެވެ. އޭގެ ތެރޭގައި، އެމްޑީޕީއާ އަލުން މޫސަ ގުޅިވަޑައިގަންނަވާ ނަމަ އިތުރު 50 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމާއި ސޮއިކުރާ ތާރީހުން ފެށިގެން ފަސް އަހަރު ވަންދެން، އެ ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއް އަދި ޕްރައިމަރީއެއްގައި ވާދަނުކުރެއްވުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް