މި އަހަރު ތެރޭ މިނިމަމް ވޭޖް ދޭން ފެށުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާޒަކީ މިއަހަރުތެރޭ މިނިމަމް ވޭޖް ދޭން ފެށުން ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަހާއި ގުޅުވައި ފައްޔާޒު ކުރެއްވި އެ ޓްވީޓްގައި އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ބުރަ ބޮޑު އަހަރަކަށްވީ ނަމަވެސް މިއަހަރު ފެންނަނީ އުއްމީދީ ގޮތަކަށް ކަމަށެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިމަމް ވޭޖްގެ ގޮތުގައި ރަނގަޅު އަދަދެއް މިއަހަރުތެރޭ ދިނުމުގެ އަމާޒުގައި ތިބި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުތެރޭ އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓް އާއި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް ފާސްކުރުމަކީ ވެސް އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ވަރަށް އުއްމީދީ ކުރިއެރުންތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން ވަނީ އިކޮނޮމިކް މިނިސްޓަރަށް ލަފާ އަރުވާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅޭ ބިލުގައި ވަނީ މިނިމަމް ވޭޖް 9 ދާއިރާއަކުން ކަނޑައެޅުމަށް ހިމަނާފައެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ އާއި އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއެވެ.
އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް