އައްޑޫ ސިޓީ ހުޅުމީދޫގެ ކޯވިޑް-19ގެ ހާލަތު ގޯސް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހުޅުމީދޫ ސިއްހީ މަރުކަޒުނާ އިލްތިމާސްކޮށްފިއެވެ.
ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސި ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ވެސް ވަނީ ފައްސި ވެފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހުޅުމީދޫ ހެލްތު ސެންޓަރުގެ މެނޭޖަރ އިބްރާހިމް ދީދީ (އިބުރޭ) ވިދާޅުވީ ބޯޓެއްގެ ކޭޝިޔަރު ފައްސި ވުމުން، އެ ބޯޓުން ނެގި އިތުރު ސާމްޕަލްތަކުގެ ތެރެއިން ފަސް މީހަކު ޕޮޒިޓިވް ވެ އެ ބޯޓުން ޖުމްލަ ހަ މީހަކު ފައްސި ވެފައިވާކަމަށެވެ.
މީގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސި ވެފައިވާއިރު ބޯޓު ކްލަސްޓާ އާއި މި ކްލަސްޓާއާ ގުޅުމެއް އޮތުން އަދި ނެތުންވެސް އެކަށީގެންވާކަމުގައި އޭނާ ވިދާޅުވިއެވެ.
މިހާރު ފައްސި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު، ހުރިހާ ފަރާތްތަކަކުން ވެސް މާސްކު އެޅުމަށް އިސްކަންދީ، މިވަގުތު ގޭގައި ތިބުން ރަނގަޅު ކަމަށް ހުސްޕިޓަލުން ބުނެއެވެ.
މީގެކުރިން އައްޑޫގެ އެކި ރަށްރަށުން ކޯވިޑްގެ ކޭސްތައް ފެނި، ހުޅުމީދޫ ހިމެނޭހެން މުޅި އައްޑޫ އަރައިނުފޭބޭ ހާލަތަށް ގެނެސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް