ލިޔުނީ: ފާތިމަތު އީމާން އިބްރާހިމް
ގަޑިން މެންދަމު 2 ޖެހީއެވެ. އަހަރެން އޮތީ ނުނިދިފައެވެ. ކުރެވުނު ކަމަކާމެދު ވިސްނެނީއެވެ. "މި ކުރެވުނީ ވަރަށް ބޮޑު ފާފައެއް. އަހަރެން މީ ކުށްވެރިއެއް. ކުށްވެރިއެއް." އަހަރެންގެ ހިތް ހުއްޓާލުމެއްނެތި މިހެން ގޮވަމުން ދިޔައެވެ. ކިތަންމެ ވަރަކަށް މިކަން ދޮގުކުރަން މަސައްކަތް ކުރި ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ އަހަރެންގެ ހިތް އޮތީ އަހަރެންގެ ބާރުދަށަކު ނޫނެކެވެ. ވިސްނުންތަކާއި ހިޔާލުތައް ވަނީ އަތްފޯރާ ވަރަށް ވުރެން މާދުރަށް ގޮސްފައެވެ.
އަހަރެންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެ ކަރުނަ ފޮހެލަދޭނެ މީހަކު ވާނެނަމައޭ ހަތަށް އެރިއެވެ. ބޮލުގައި ފިރުމާލާފައި ހުރިހާކަމެއެއްވެސް ރަނގަޅު ވާނެއޭ ބުނާނެ މީހަކު ވަރަށް ވެސް ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ ހިތުގައި ފޮރުވިފައި މިވާ ސިއްރު އެއްވެސް މީހަކަށް ކިޔައިދޭނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެންނާ އެންމެ ގާތުގައިވާ ފަރާތް، އަހަރެންގެ މަންމައަށްޓަކައި އަހަރެންނަށް މިކުރެވުނީ ކިހާ ބޮޑު ކުށެއްކަން ކުރިން ނޭންގުނީ ކީތްވެ ހެއްޔެވެ؟ މިކަމުގެ ސަބަބުން މަންމަ އަހަރެންދެކެ ރުޅި އަންނާނެކަން ކުރިން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟
ވެހެމުން ދިޔަ ވާރޭ ފުރާޅުގައި ޖެހެމުން އިއްވަމުންދިޔަ އަރާމު އަޑާއެކުވެސް ނުނިދޭނެކަން ޔަގީން ވުމުން އަހަރެން ތެދުވެ އެނދުމަތީގައި އިށިންދެލީމެވެ. އަދި މަޑުމަޑުން ފާރުގައި ލެނގިލީމެވެ. ތުނިތުނި ކޮށް ވެހެމުންދިޔަ ވާރޭ ތިކިތައް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިފައި ނުސީދާ ރޮނގަކުން ތިރިއަށް ގޮސް ގެއްލޭތަން ބަލަން އަހަރެންނަށް އިނދެވުނީ ކަޅިވެސްޖަހާނުލައެވެ. އެހެންދިމާލަކަށް ނަޒަރު ހިންގާލުމެއް ނެތި ކައިރީގައި އޮތް ބާލީސް ނަގައި ގަޔާލައި ބައްދާލީމެވެ. އަދި އަހަރެންނަށް ކިރިޔައި އަޑުއިވޭވަރަށް މަޑުން ބުނެލީމެވެ. "ނޫން. އަހަރެންމީ ކުށްވެރިއެއް ނޫން. އަހަރެން އެކަންކުރީ ރަނގަޅު ސަބަބަކާހުރެ. ރަނގަޅު މަޤްސަދެއްގައި." އެތައް އިރެއް ވަންދެން މިހެން ކިޔުމުންވެސް އަހަރެންގެ ހިތަކަށް އެއްވެސް ކަހަލަ ލުއިކަމެއް ނުލިބުނެވެ.
ކުއްލިއަކަށް ވިދާލި ވިނދުވަރާއެކު ވާރޭ ބޯކޮށްލިއެވެ. ގުގުރާލި އަޑު އިވުމުން އަހަރެން ކަކޫ ބައްދައިގެން އިން ބާލިހާ ޖެހި ފިތޭވަރަށް ފައި ކުރުކޮށްލެވުނެވެ. އަހަރެން ހަނދާންވާން ފެށީ އަހަރެންގެ ބައްޕަ އަހަރެމެން ދޫކޮށްލާފައި ދިޔަ ދުވަސް މަތިންނެވެ. އަހަރެމެންގެ ހަޔާތް އެކަށް ބަދަލުވެގެން ދިޔަ ދުވަސް މަތިންނެވެ.އޭރު އަހަރެންނަށް އެންމެ 8 އަހަރެވެ. އެދުވަހުވެސް މިގޮތަށް ބޯކޮށް ވާރޭ ވެހުނެވެ...
އަހަރެން ހުރީ ގޯތިތެރޭގައި ވާރެއާތެމިގެން ކުޅޭށެވެ. އެކި ކަހަލަ ކުޅޭއެއްޗެހި ފުރެންދެން ވާރޭފެން އަޅާފައި އޭގެ ތެރެއަށް ގޭގައި ހައްދާފައިވާ މާގަސް ތަކުން މާ ބިނދެގެން އެޅުމުން ހުންނަ ގޮތް ރީތިކަމުން އަހަރެން އެޅުނީ ވީހާވެސް ގިނައިން މިހެން ހެދޭތޯއެވެ. ހީކެރުވި ނަމަވެސް ކުޅުން ހުއްޓާލަން ބޭނުން ނުވާތީވެ ހުރީއެވެ. މަންމަ ދެތިން ފަހަރަކަށް އަހަރެންނަށް ގޮވާލި އެެވެ. އެތެރެއަށް އަންނާށޭ ބުންޏެވެ. ކޮންމެ ފަހަރަކުވެސް އިރުކޮޅަކުން މިދަނީއޭ ބުނީމެވެ. އިރުކޮޅެއް ނުވެގެން އުޅެނިކޮށް ވާރޭ ތުނިކޮށްލިއެވެ. މަޑުމަޑުން ތުނި ކުރަމުންގޮސް ވާރޭ ހުއްޓުނެވެ.
އަހަރެންނަށް ދެންް ނުކުޅެވޭނެކަން ޔަގީން ވުމުން އެންމެ ރީތި މާތައް އެޅުނު އެއްޗެހި ފޮރުވުމުގެ މަސައްކަތް ފެށީމެވެ. މި މަސައްކަތުގައި ގޯތިތެރޭ ފަހަރަކު ކޮޅަކަށް ދުވަނިކޮށް ގެ ކައިރިއަށް ސައިކަލުގައި ބައްޕަ މަޑުކޮށްލިއެވެ. ސައިކަލުގެ ފަހަތުގައި އަހަރެން ނުދަންނަ އަންހެނަކު އިނެވެ. އޭނާއާ ދިމާލަށް އިރުކޮޅަކު ބަލަން ހުރެފައި އެއީ ބައްޕަގެ ރައްޓެއްސެއް ކަމަށް ވިސްނައި އަހަރެން އަހަރެންގެ މަސައްކަތާއިގެން އުޅެން ފެށީމެވެ. ބައްޕަ ވަރަށް ހަރުކަށި ގޮތަކަށް ހިނގާފައި ގޮސް ގެއަށް ވަނެވެ. އަހަރެންނާ ދިމާލައް ބަލައިވެސް ނުލައެވެ. ކުރިން ދެރަވި ނަމަވެސް ބައްޕަގެ އަޅާލުން ނުލިބުމަށް އާދަވެފައި ވާތީވެ އަހަރެން އަޅައެއްނުލަމެވެ. އަހަރެން އެންމެ ކުޑަ އިރުއްސުރެން ވެސް ބައްޕައަށް އަހަރެން މީ ނެތް މީހެއް ފަދައެވެ. އެހެންކަމުން މިއަދު އަހަރެންގެ ހިތުގައި އަހަރެންގެ ބައްޕައަށް ޒައްރެއްގެ މިންވަރަށް ވެސް ލޯބެއް އަދި އަޅާލުމެއް ވެސް ނެތެވެ. އަހަރެންގެ ހިތް ފުރިފައި ވަނީ ނަފްރަތުންނެވެ. ކިތައްދުވަހު އަހަރެން މަންމަ ކައިރީގައި ބައްޕަ ކޮބައިހޭ ކިޔާ ރުއިން ހެއްޔެވެ؟ ކިތައް ދުވަހު އަހަރެން ކުލާސް ކުދިންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ހެއްޔެވެ؟
އިރުކޮޅަކުން އިވެން ފެށީ މަންމައާ ބައްޕަ ގެ ޒުވާބުގެ އަޑެވެ. އާންމު ކަމަކަށް ވާތީވެ އެކަމަކާ ވެސް އަހަރެން އަޅައެއް ނުލަމެވެ. ދެ މީހުންގެ އަޑު ހިމޭންވިތާ އިރުކޮޅެއް ފަހުން ބައްޕަ ގެއިން ނިކުމެގެން ވަރަށް ބާރަށް ހިނގާފައި ގޮސް ސައިކަލަށް އަރައި އިށީންދެލިއެވެ. އަދި އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އަހަރެން ރުޅި މޫނު ހަދާލައިފައި އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށްލީމެވެ. ނަމަވެސް އޭރު އަހަރެންނަކަށް އަހަރެންގެ ބައްޕަ ފެންނާނެ ފަހު ފަހަރަކީ މިއީކަމެއް ނޭންގެއެވެ. ބައްޕަގެ ސައިކަލު ފަހަތުގައި އިން މީހާގެ ޝަކުވާގެ އަޑާ އެކު ބައްޕަ ސައިކަލު ދުއްވާލި އަޑު އިވުނެވެ. އެ އަޑު އެއްކޮށް އޮބެންދެން އަހަރެން މަޑުން ހުރީމެވެ. ދެން މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލީމެވެ. މަޑުމަޑުން ދުރަށް ދަމުން ގޮސް ގެއްލުނު ސައިކަލު ދެން ދުވަހަކުވެސް އަނބުރާ ނާންނާނެކަން އޭރު އަހަރެންނަކަށް ނޭނގެއެވެ.
ކުށްލިއަކަށް ވަރަށް ގަދަޔަށް ވިދާލިއެވެ. އެހާ ގަދަޔަށް ވިދާލައިފި ނަމަ ހަމަ އެހާ ބާރަށް ގުގުރާނެކަން އެނގޭތީވެ އަހަރެން އަވަހަށް ގެއަށް ވަންނަން ދުއްވައިގަތީމެވެ. ނަމަވެސް އަހަރެންނަށް މަންމަ ފެނުމުން ވަގުތުން ހުއްޓެވުނެވެ. ކަންފަތް ފަޅައިގެން ދާހާ ބާރަށް ގުގުރާލީ އަހަރެން އެހުރިގޮތަށް ހުއްޓުން އަރާފައި ހުއްޓައެވެ. ގުގުރުމުގެ ބިރުވެރި އަޑު އޮބިގެން ދިޔައިރު ވެސް އަހަރެންނަށް ގުޑިވެސް ނުލާ ހުރެވުނެވެ. ވާނީ ވެސް އެހެންތާއެވެ. އަހަރެންގެ މަންމަ ކުޑަކޮށް ވެސް ދެރަވެފައި އިންދާ އޭގެ ކުރިން އަހަރެންނަކަށް ނުފެނެއެވެ. ނަމަވެސް އެދުވަހު މަންމަ އިނީ ގިސްލަގިސްލާފައި ރޯށެވެ. ދެ އަތުން މޫނުގައި ހިފަހައްޓާއިގެން ހުރި ނަމަވެސް އެ ދެ ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަ ވަރަށް ސާފުކޮށް އަހަރެން ދުށީމެވެ. އަތުގެ އިނގިލި ތަކުގެ ހައްޔަރުން މިނިވަންވުމުގެ ނަސީބު ލިބޭ ކަރުނަ ތިކިތައް މަޑުމަޑުން ތިރިޔަށް ވެއްޓި ތަޅުންގަނޑު މަތީގައި ކުޑަކުޑަ ކަރުނައިގެ ކޯރެއް އުފައްދަމުން ދިޔައެވެ.
މަންމައަށް އަހަރެން ފެނުނީ އަހަރެން ލަސް ފިޔަވަޅުތަކެއްގައި މަންމަ ކައިރިޔަށް ގޮސް ހުއްޓިލުމުންނެވެ. އަހަރެން ފެނުމާއެކު އަވަހަށް ކަރުނަ ފުހެލާފައި އަހަރެން ކައިރީގައި ފެންވަރަން ދާށޭ ބުނެލިއެވެ. އެގަޑީގައި މަންމަ ރުޅި އަރުވަން ބޭނުން ނުވާތީވެ އަވަހަށް ފާހާނާއަށް ދިޔައީމެވެ.
އެދުވަހުގެ ފަހުން އަހަރެންގެ ހިތުގައި ބައްޕައަށް އޮތް ނަފްރަތު އިތުރުވެގެން ދިޔައެވެ. މަންމަ އަހަރެންނަށް ކިޔައި ނުދިން ކަމުގައި ވިޔަސް މަންމަ އެދުވަހު ރުއީ ބައްޕައާ ހެދިގެންކަން އަހަރެންގެ ޅަ ސިކުނޑިއަށް ވެސް ނަގައިގަނެވުނެވެ. އެދުވަހުގެ ފަހުން ބައްޕަ ނުފެނުނު ކަމުގައި ވިޔަސް އަހަރެން ދެރައެއް ނުވިއެވެ. އޭގެ ބަދަލުގައި އެ ހަރުކަށި ނަޒަރުން ބަލާނެ މީހަކު ނުހުންނާތީވެ އަހަރެންވީ އުފަލެވެ. ބައްޕަ ނެތުނުގެ ހިތި އަސަރު އަހަރެމެންނަށް ކުރަން ފެށީ ފައިސާގެ މައްސަލަ ޖެހޭންފެށި ހިސާބުންނެވެ. މަންމަ އަކީ ވަޒީފާއަށް ދާ މީހަކު ކަމުގައި ނުވާތީވެ ބައްޕަ ހަރަދުކުރުން ހުއްޓާލިތާ މާގިނަ ދުވަހެއް ނުވަނީސް އެކި ކަންކަމަށް ހަރަދު ކުރާނެ ފައިސާ ނެތީގެން އުޅޭން ޖެހުނެވެ. މަންމަ އަކީ ކުޑައިރުގައި ރަނގަޅު ތައިލީމެއް ލިބިފައި ވާ މީހަކަށް ނުވާތީވެ ރަނގަޅު ވަޒީފާއެއް ވެސް ނުލިބުނެވެ. އެންމެ ކުޑަ މިނުން ތަނެއް ސާފުކުރާ މީހެއްގެ ގޮތުގައިވެސް މަންމައަށް ވަޒީފާ ދޭޭނެ މީހަކު ނުވިއެވެ. އެންމެ ފަހުން މަންމަ ޖެހުނީ އެކި ގޭގޭ އެކިކަހަލަ މަސައްކަތް ކޮށްގެން ފައިސާ ހޯދާށެވެ.
މަންމަގެ ބުރަ މަސައްކަތުން އަހަރެންނަށް ބޭނުންވާ އެކި ކަހަލަ ހުރިހާ އެއްޗެއް ހޯދައިދެއެވެ. އަހަރެމެން ކުލާހު އެހެން ކުދިންނާ އަހަރެންނާ އެއްވެސް ގޮތަކުން ތަފާތު ނުކުރެވޭ ވަރަށް މަންމަ އަހަރެންނަށް އެއްޗެހި ގަނެދެއެވެ. ނަމަވެސް މިކަމަށްޓަކައި މަންމަ ޖެހެނީ ބުރަކަށި ދަމާލިމެއްނެތި މަސައްކަތްކުރާށެވެ. ކޮންމެ ތާކު ކޮންމެ ކަހަލަ މަސައްކަތެއް ކޮށްގެން ނަމަވެސް އަހަރެން ބޭނުން ހުރިހާ އެއްޗެއް ހޯދައިދޭން މަންމަ ހުރީ ތައްޔާރަށެވެ.
މިހުރިހާ ކަމަކާ ގުޅިގެން އަހަރެންގެ ހިތުގައި ބައްޕައާމެދު އުފަދިފައިވާ ނަފްރަތު އިތުރުވަމުން ދިޔައެވެ. ބައްޕަ އަހަރެންނަށް ހަރަދު ކުރާނަމަ މަންމަ ރެއާއި ދުވާލު މަސައްކަތް ކުރާން ޖެހުނީސް ހެއްޔެވެ؟ އަހަރެންނަށްޓަކައި އެހާ ބޮޑު ވޭނަތަކެއް އުފުލަން ޖެހުނީސް ހެއްޔެވެ؟
ކިތަންމެ ވަރަކަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެ މަންމަ ދިރިހުރީ ހަމައެކަނި އަހަރެންނަށްޓަކައި ފަދައެވެ. ޝަކުވާކުރެވުނީ އަހަރެންނަށެވެ. މަންމަ އެވާ ޤުރުބާނީގެ ބަދަލުގައި އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާތީއެވެ. މިއާއެކު އަހަރެންގެ ސަބަބުން މަންމައަށް އިތުރު އުނދަގޫތަކާ ކުރިމަތި ލާން ޖެހޭތީއެވެ. އަހަރެންގެ އަތުން ގޭގައި ގެންގިޅޭ ސާމާނު ހަލާކުވެއެވެ. ސުކޫލަށް ގެންދަން ހޯދައިދޭ އެއްޗެހި ހަފުތާއެއް ރަނގަޅަށް ހަމަ ނުވަނީސް ގެއްލެއެވެ. މިކަންކަން ފޫބެއްދުމަށްޓަކައި މަންމަ އިތުރަށް މަސައްކަތް ކުރަން ޖެހޭތީއެވެ. މި ހުރިހާ ޝަކުވާއާ އެކު ވެސް އަހަރެން މަޑުކުރީމެވެ. ކެއްތެރިކަމާއެކުއެވެ. ކޮންމެސް ދުވަހަކުން އަހަރެންނަށް ވެސް މަންމައަށްޓަކައި އަގުހުރި ކަމެއް ކޮށްދެވޭނެ ކަމަށް ގަބޫލުކުރީމެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މަންމައަށް އަރާމުގައި އުޅުމުގެ ނަސީބު ހޯދައިދެވޭނެކަމަށް ބެލީމެވެ.
ނަމަވެސް ކޮންމެ އިންސާނަކަށް ވެސް ކެތްކޮށްގެން ހުރެވޭނީ ވަކި ވަރަކަށްތާއެވެ. އަހަރެންނަށް ވެސް ވީ އެހެންނެވެ. ކެއްތެރިކަން ކޮޅުންލީއެވެ. އަހަރެން މަންމައަށް ކޮށްދޭން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކުރު މަގެއް ނެގީމެވެ. އެ މަގުގެ ނިމުން ވަނީ އަހަރެންގެ މަޤްސަދާ ކިހާ ދުރެއްގައިކަން ވިސްނައި ނުލައެވެ. އެ މަގު މުޅުން އެހެން މަންޒިލަކާ ދިމާލަށް އަހަރެން ގެންދިޔަ އިރުވެސް ފަހަތަށް އެނބުރޭކަށް އަހަރެންނަކަށް ނޭންގުނެވެ. ރަނގަޅު ވިސްނުނު އިރު އަހަރެންނަށް އަނބުރާ އައިކޮޅަށް ދެވޭންއޮތް މިގު ވަނީ ބަންދުވެފައެވެ. ނިކުމެވޭނެ އެއްވެސް ގޮތެއްނެތެވެ. ފަހަތަށް އެނބުރެވޭކަށް ނެތެވެ. ދެވެން އޮތީ އެންމެ މިސްރާބަކަށެވެ. އެއީ ކުރިއެވެ.
ހަނދާންތަކުގެ ދުނިޔެއިން ނިކުމެވުނީ ކަންފަތް ފަޅައިގެންދާހާ ބާރަށް ގުގުރައިގަން އަޑަށެވެ. ބާލިސް އެނދުމަތީގައި ބާއްވާފައި މަޑުމަޑުން އަހަރެން ކޮއްޅަށް ތެދުވީމެވެ. ހަމަ އެހާ މަޑުން ހިނގާފައި ކުޑަދޮރު ކައިރިއަށް ދިޔައީމެވެ. ފާރުކައިރީގައި ހައްދައިފައިވާ ރީތި ގަސްތަކަށް އަހަރެންނަށް ނަޒަރު ހުއްޓާލެވުނެވެ. ގަސްގަހާގެއްސަށް ވާހަކަދެއްކުމުގެ ނިޢުމަތް ދެއްވާފައިވާނަމަ އެ ގޭ ކައިރީގައި ހައްދާފައިވާ ގަސްތައް އަހަރެން ކުރި ކުށައް ހެކި ބަސް ދިނީހެވެ. އެގެއަށް ވަންނަން އަދި ނިކުންނަން އަހަރެން ބޭނުން ކުޑަ ދޮރު ކައިރީގައި ރީތި ގަސްތަކެއް އޭގެ ފަތްތައް ވާރޭ ތިކިތަކުން ތެއްމަން ތިއްބެވެ.
މިހާރު އަހަރެންނަށް އަހަރެންގެ ކުށް ކިތަންމެހާ ވެސް ސާފުކޮށް އެނގެއެވެ. އެހެން މީހެއްދެކެ އާދެވިފައި ވާ ރިޅު އަހަރެންގެ ހަށިގަނޑުގައި ރަސްކަންކުރުމުގެ ފުރުސަތު ދެވުމުން އާދެވިފައި މިވާ މަންޒިލްގެ ހަޑި ހުތުރުކަން ވަރަށް ސާފުކޮށް ފެނެއެވެ. އަހަރެން ކެތްނުކުރީ ކީއްވެ ހެއްޔެވެ؟ ރުޅި އިސްކުރީ ކީއްވެ ހެއްޔެވެ؟ ކުރިން ހެޔޮ ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އަމިއްލަ ނަފްސާ މި ސުވާލުތައް ކުރެވެމުން ދިޔައެވެ. ނަމަވެސް މިހާރު އަހަރެންނަކަށް އެހެން އެއްވެސް ގޮތެއް ނެތެވެ.
ހިތަށް ލުޔެއް ނުލިބުމުން އެންމެ ފަހުން މަންމަގެ ކޮޓަރިއަށް ގޮސް މަންމަ ހޭލެއްވީމެވެ. ހަޤީޤަތް ކިޔާދިނުމުގެ މަޤްސަދުގައެވެ. އޭރު އަހަރެންގެ ހިތް ހަށިގަނޑު ދޫކޮށްފައު ދާން އުޅޭ ފަދައެވެ. އެހާ ވެސް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެންނަށް މަންމަ އަހަރެންދެކެ ރުޅިއަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. މަޑުމަޑުން ހުރެ އަހަރެން އަހަރެން ކުރި ކުށް މަންމައަށް ކިޔައި ދިނީމެވެ. ފުރަތަމަ މަންމަ އަހަރެންކީ އެއްޗެހި ޤަބޫލެއް ނުކުރިއެވެ. ނަމަވެސް އަހަރެން އެގެއިން ނެގި އެއްޗެހި ދެއްކުމުން ޤަބޫލު ކުރަން މަޖުބޫރުވިއެވެ. އިރު ކޮޅަކަށް މަންމަ ހުރީ ހުއްޓުން އަރާފައެވެ. ދެންފެށީ އަހަރެންނާ ދިމާލަށް އެއްޗެހި ގޮވާށެވެ. ރުޅިއަންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މަންމަގެ އަޑު ފުރިގެންވަނީ ހިތާމައިންނެވެ. ލޮލުގައި ކަރުނަ ތިކިތައް ރަސްކަންކުރަން ފަށާފައި ވެއެވެ. ކެތްނުވާވަރު ވުމުން އަހަރެން ކައިރީ ނިކުންނާށޭ ކިޔާ ހަޅޭއްލަވައިގަތެވެ. އަހަރެންނަށް ދޮރާ ދިމާލަށް ދުއްވައިގަނެވުނެވެ.
އަހަރެންނަށް ކޮޓަރިއަށް ވަދެވޭވަރުވީ ކިރިޔާއެވެ. ދޮރު ލެއްޕުމާއެކު ރޯންފެއްޓުނެވެ. މަންމަ ރުޅި އަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކު ދިޔަ ނަމަވެސް މަންމަ ދެރަ ވާނޭކަމަށް އެއްފަހަރުވެސް އަހަރެނަކަށް ވިސްނައެއް ނުލެވެއެވެ. އަހަރެންމީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އެއްވެސް ސަބަބަކާ ނަލާ މަންމަގެ ހުވަފެންތައް ވެއްޔާ މޮޑެލެވުނީއެވެ. އަދި ނުވިތާކަށް އަހަރެންނަކަށް މަންމަ ދެރަ ވާނޭ މިންވަރާ މެދު ވިސްނައިވެސް ނުލެވެއެވެ. އަހަރެންމީ ކޮންކަހަލަ ދަރިއެއް ހެއްޔެވެ؟ ކޮންމެ މަންމައެއްވެސް އަހަރެންނާދިމާލަށް ދަރިފުޅާ އޭ ކިޔާފައި ގޮވާލަންވެސް ލަދުގަންނާނެއެވެ.
ކުށްލިއަކަށް ބޭރުން އިވެން ފެށީ ފުލުހުންގެ ކާރުގެ ސައިރެންގެ އަޑެވެ. ކާރުމަޑު ކޮށްލިއަޑާއެކު ބަޔަކު ދޮރުގައި ތަޅައިގަންއަޑު އިވުނެވެ. އާންއެކެވެ. އަހަރެންގެ ކުށް ހާމަވީއެވެ. ހިތުގެ އެންމެ އަޑީގައި ފޮރުވައިގެން ގެންގުޅުނު ސިއްރު މުޅި ދުނިޔެއަށް ބޭޒާރުވީއެވެ. އަހަރެން އަހަރެންގެ ކުށުގެ އަދަބާ ކުރިމަތިލާންޖެހޭ ވަގުތު ޖެހުނީއެވެ. މަޑުމަޑުން ހިންގާފައި ގޮސް އަހަރެން އަމިއްލަ އަތުން ދޮރު ހުޅުވީމެވެ. ކުރިމަތީގައި ތިބި ސިފައިންގެ މީހުންނާއެކު އެއްވެސްކަހަލަ ދެކޮޅުހެދުމަކާ ނުލާ ދިޔައީމެވެ. ކުށަށް އިއުތިރާފުވީމެވެ. އަހަރެންގެ އަދަބަކަށް ވެގެން ދިޔައީ 2 އަހަރު ދުވަހު ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ހޭދަކުރަން ޖެހުމެވެ.
2 އަހަރު ތެރޭގައި އަހަރެންނަށް ޖަލުން ނިކުމެވޭނެއެވެ. އަހަރެން އަހަރެންގެ ކުށަށް ތައުބާ ވެއްޖައީމެވެ. އަހަރެންނަށް ލިބުން ޙައްޤު އަދަބު ލިބެމުން ދަނީއެވެ. އަދިވެސް އަހަރެންނަށް ރަނގަޅު ތަޢުލީމެއް ހޯދާ މުޖުތަމައުގެ އިޙްތިރާމް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަހަރެން ބޭނުންވި ފަދައިން މަންމައަށް ހަރަދު ކޮށް މަންމަ ބެލެހެއްޓުމުގެ ނަސީބުވެސް އަހަރެންނަށް ލިބިދާނެއެވެ. ނަމަވެސް އެ ނިޔަނެތި މަންމަގެ ލޯތްބާއި އޯގާތެރިކަން، އިހްތިރާމާއި އިތުބާރު، އަހަރެންނަށް ދެން ދުވަހަކުވެސް ނުލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް