ރިސޯޓަކުން ދިޔަ މީހެއްގެ ގައިން އަލާމާތް ފެންނާތީ ކޯވިޑަށް ޓެސްޓު ކޮށްފި

ކޯވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އައްޑޫ ސިޓީގެ ރަށަކަށް ރިސޯޓަކުން ދިޔަ މީހަކު ޓެސްޓު ކުރަން ނިންމައިފި އެވެ. އެކަމާ ގުޅޭގޮތުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ރަ...

30 Apr 2020 | 19:22

ކޯވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އައްޑޫ ސިޓީގެ ރަށަކަށް ރިސޯޓަކުން ދިޔަ މީހަކު ޓެސްޓު ކުރަން ނިންމައިފި އެވެ.

އެކަމާ ގުޅޭގޮތުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ރަށަށް ގޮސްފައިވަނީ ރިސޯޓުގައި ކަރަންޓިން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެކަމަކު އޭނާގެ ގައިން މިހާރު ރޯގާގެ އަލާމާތްތައް ފެންނަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭނާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުން ޓެސްޓު ހަދަން ނިންމީ އެމީހާ އެކަމަށް އެދުމުންނެވެ. އެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.

މިއީ ރިސޯޓެއްގައި ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު މީހުން ދިރިއުޅޭ ރަށްރަށަށް ދިޔަ މުވައްޒަފަކުގެ ފަރާތުން ބަލީގެ އަލާމާތެއް ފެންނަން ފެށި ފުރަތަމަ ފަހަރެވެ.

މިދިޔަ މާޗް މަހުގެ ހަތް ވަނަ ދުވަހު ރާއްޖެއިން ފުރަތަމަ ކޯވިޑް ފެނުނީ ކުރެއްދޫ ރިސޯޓުންނެވެ އެހެންވެ އެޗްޕީއޭއިން ނިންމާފައިވަނީ ކޯވިޑާއި ގުޅިގެން ރިސޯޓުތައް ބަންދު ކުރަން ޖެހުމުން މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނީ ފަހު ޓޫރިސްޓު ފުރާތާ14 ދުވަސް ފަހުން ކަމަށެވެ.

މިހާރު ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށް، ރަށަށް ގޮސްފައި އެވެ. މިހާތަނަށް އެއްވެސް ރަށަކުން މިގޮތަށް ދިޔަ މުވައްޒަފެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތެއް ފެނިގެން ޓެސްޓުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް