ހުޅުމާލެ މާލޭގެ ވަކި އަވަށެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޕްލޭންއެއް އެކުލަވާލައި، އެކަން ވިލަރެސްކޮށް ހިންގުމަށްޓަކައި ވަކި ޔުނިޓެއް އުފައްދަވާ މިއަދާ ހަމައަށް ވަނީ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ސަރުކާރު ޙިއްޞާވާ ކުންފުންޏަކަށް ބަދަލުކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 20 އަހަރު މިކުންފުނިން އެކި ފެންވަރުގައި، އުމްރާނީ ގޮތުންނާއި އިޖްތިމާޢިގޮތުން ގިނަ މަސައްކަތަކެއް ކުރެވިފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.
ޙިދުމަތުގެ 20 އަހަރު ފާހަގަކުރުމަށް މިއަދު ޙާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. ވާޗުއަލްކޮށް ބޭއްވުނު މިރަސްމިއްޔާތުގައި މިކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި އެކުންފުނީގައި ފެށުނީންސުރެއް މިއަދާއި ހަމައަށް 20 އަހަރު ޙިދުމަތްކޮށްދެއްވައިފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ވަނީ ޙާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މިއެވޯޑް ޖުމްލަ ނުވަ ބޭފުޅަކަށް ވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުންވެސް އެ ކުންފުނީގެ 20 އަހަރުގެ ރަން ތާރީޙުގައި އެކި ގޮތްގޮތުން އަގު ނުކުރެވޭ ވަރުގެ ގިނަ ޙިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް ވަނީ ސްޕެޝަލް ރެކޮގްނިޒިޝަން އެވޯޑެއް ދީފައެވެ. މިގޮތުން އެޗް.ޑީ.ޔޫގެ ނަމުގައި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހިންގަމުން ދިޔަ ދުވަސްތަކުގައި ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާ ކުރެއްވި މަޢުރޫފް ޖަމީލް، އެޗް.ޑީ.ސީގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމު އަދާ ކުރެއްވި މަހްޖޫބް ޝުޖާޢު، އެޗް.ޑީ.ސީގެ ޑެޕިއުޓީ ޑިރެކްޓަރއެއްގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު އާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމު އަދާ ކުރައްވަމުންގެންދަވާ ސުހައިލް އަހްމަދް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވަނީ ޙިދުމަތުގައި 20 އަހަރު ހޭދަކޮށްފައިވާ ބޭފުޅުންގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ. އަދި އެއްމެ ހަތަރު މުވައްޒަފުންނާއި އެކު ފެށުނު މި މަސައްކަތުގައި މިހާރު ތިއްބެވި 1000 އަށް ވުރެއް ގިނަ މުވައްޒަފުން މަސައްކަތަތްކުގެ އަގުވަޒަންކޮށް ހިތްވަރުލާދީފައެވެ. މީގެއިތުރުންވެސް، މިކުންފުނީގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އެޗް.ޑީ.ޔޫ ޔުނިޓެއްގެ ގޮތުގައި ހިންގުމުގައި އެއްމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ހުންނެވި މައުރޫފު ޖަމީލް ރަސަމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭރުގެ މަސައްކަތްތަކަށް އަލި އަޅުވާލައި، ހިޔާލީ ފޮލޮއެއްކަމަށް އޭރު ގިނަބަޔަކު ދެކުނު ހުޅުމާލެ ހަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މިރަސްމިއްޔާތުގައި ދުވަހުގެ މުނާސަބާތުގައި ބޭނުންކުރާނެ ޙާއްޞަ ލޯގޯއެއް ވަނީ އިފްތިތާޙްކޮށްފައެވެ. ރަސްމިއްޔާތު ނިއްމާލީ ޙާއްޞަ ކޭކް ފެޅުމުގެ ހަރަކާތަކަށްފަހުއެވެ. އެޗް.ޑީ.ސީއަށް 20 އަހަރު ފުރިގެން ދިއައިރު ކުންފުންޏަށް ވަނީ އެތައް ބަދަލެއް އައިސްފައެވެ. މިގޮތުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށި ތަރައްޤީކުރުން އަޅުގަނޑުމެންގެ އިހްތިސާސްގައި ހިމެނި މަސައްކަތްތައް ވަނީ ފުޅާކުރެވިގެން ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް