ޒާރާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.
''ހަލޯ.......... މަގޭ ދޫނިގަނޑު ކިހިނެތް.......... ހަމަ ވަރަށް ވަރަށް މިސްވެގެން މިގުޅީ........... ކޮބާ މަގޭ ދަރިފުޅު..........'' އިމްރާނުގެ އޯގާތެރި އަޑު އަންފަތުގައި ޖެހުމާއެކު ޒާރާގެ ލޮލުން ކަރުނަ ހިލުނެވެ. އަނަގައިން އެއްވެސް ބަހެއް ބޭރެއް ނުކުރެވުނެވެ.
''ޒާރާ............. މަގޭ ފުރާނަޔާ.......... ވާހަކަދައްކަބަލަ .............. '' އިމްރާނުގެ އަޑުގައިވަނީ ލޯތްބެވެ. އޯގާތެރިކަމާ ކުލުނެވެ.
ޒާރާ ބޭނުންވީ ހުރިހާ ވާހަކައެއް އިމްރާނަށް ކިޔައިދޭށެވެ.
''އިމްރާން...........'' ތުރުތުރު އަޅާ އަޑަކުން ޒާރާއަށް ގޮވާލެވުނެވެ.
''ޒާރާ............. ރޮނީތަ.............. ޒާރާ ރޯންޖެހޭ ވަރު އެއްވެސް ކަމެއް އަހަރެން ދުނިޔޭގައި ހުރެ ވިޔަކަ ނުދޭނަން........... ބުނޭ ޒާރާ.............. ކިހިނެތްވީ..............'' އިމްރާނު ކަންބޮޑުވިއެވެ.
އިމްރާނު ވާހަކަދައްކަމުން ދިޔަ ވަރަކަށް ޒާރާގެ ރުއިން ގަދަވަމުން ދިޔައެވެ. އެކަމާ އިމްރާން ނުހަނު ކަންބޮޑުވިއެވެ. ވީ ގޮތެއް އޮޅުން ފިލުވަން ބޭނުންވިއެވެ. އެތައް ވަރަކަށް ސުވާލު ކުރުމުންވެސް ޒާރާގެ ފަރާތުން ހިތްހަމަޖެހޭ ޖަވާބެއް ނުލިބުމުން އިމްރާން މާޔޫސް ވިއެވެ.
އެހެންމެ ފަހުން އިމްރާން ފޯނު ކަނޑާލިއެވެ. ޒާރާ ރޯއަޑުއަހަން ކެތް ނުވީއެވެ. އެގޮތަށް ހިތުގައި ޖެހިގެން ޒާރާ ރޯންޖެހޭނެ އެއްވެސް ސަބަބެއް އިމްރާނަކަށް ނުވިސްނުނެވެ.
ޒާރާ ހިތްވަރު ކުރަން ކިތަންމެ ބޭނުން ވިޔަސް އެކަމެއް އޭނާއަކަށް ނުކުރެވުނެވެ. އިމްރާނުގެ އޯގާތެރި ބަސްތައް އަޑުއިވުމުން ޒާރާގެ އިހްސާސްތައް ކޮޅުންލިއެވެ. އަޑުން އަޑުނަގާ ރޯންފެށުނެވެ. ސިކުޑީގައި އުތުރި އަރަމުންދާ އުދާސްތައް ފުނިޖެހި ލުޔެއް ލިބެން އޮތީ ދެން ފަހެ އެހެން ކޮންގޮތެއް ހެއްޔެވެ.
''ޒާރާ.................. ދަރިފުޅާ............'' ސަރީފާ ޒާރާގެ ކޮޓަރީ ދޮރުގައި ހިފާލީ އެތެރެއިން ޒާރާ ރޯއަޑު އިވޭތީއެވެ. ސަރީފާ ގޮވަމުންދާ އަޑު ޒާރާއަށް އިވޭ ހެނެއް ހިޔެއް ނުވެއެވެ.
އެންމެފަހުން ސަރީފާ އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އޭރު ޒާރާ އެނދުގައި އޮވެގެން ގިސްލަ ގިސްލާފައި ރޮނީއެވެ. ސަރީފާއަށް ދުއްވައިގަނެވުނީ ޒާރާއާ ދިމާއަށެވެ.
އެނދުގެ މަގަތުން ޒާރާ ގާތުގައި ސަރީފާ އިށީނދެލިއެވެ. އެއްޗެކޭ ނުބުނެވިގެން އުޅެކޮށް ސަރީފާގެ ފޯނު ރިންގު ވިއެވެ. ގުޅަނީ އިމްރާނެވެ. އެނދުން ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލުމަށްފަހު، ތެޅިތެޅި އޮތް ހިތަކާއެކު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ދެމައިން އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. އޭރު ސަރީފާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ފެންނަން ހުއްޓެވެ.
ކޯލު ނިމުމުން ސަރީފާ އެނބުރިލީ ޒާރާއާ ދިމާއަށެވެ. އޭރު ޒާރާވެސް ކޮންމެވެސް ވަރަކަށް ވަނީ ހަމައަކަށް އެޅިފައެވެ. ރުއިމުގެ ސަބަބުން ރަތް ވެފައިވާ ދެލޮލަށް ސަރީފާ ބަލާލިއެވެ. ނުހަނު ލޯތްބާ އެކުގައެވެ. އެ ބެލުމުގައިވަނީ ކުލުނެވެ.
''ދަރިފުޅާ ........ ހިނގާ އެއްޗެއް ކާލަން............ ދެން ތިހެން އަބަދު ރޮއި ހިތާމަކުރިމަ މަންމަ ވެސް ވަރަށް ދެރަވޭ............ ތެދުވޭ ......... މޫނު ދޮވެލައިގެން ނިކުމޭ........ މަންމަ ތަށިތައް އަތުރާލާނަން.........'' ސަރީފާ ނިކަން ލޯބިން ބުނެލިއެވެ.
އިމްރާން ދެއްކީ ކޮން ވާހަކައެއްތޯ އަހާލަން ޒާރާ ބޭނުންވިއެވެ. އެހެންނަމަވެސް އެ ސުވާލު ކުރާކަށް ޒާރާއަކަށް ނުކެރުނެވެ. އޭނާއަށް ވިސްނާލެވުނީ އިމްރާނާ ދޭތެރޭގައެވެ. ވާހަކަދައްކާ ހިތުން ގުޅިޔަސް ޒާރާއަށް އެ ފުރުސަތު އިމްރާނަށް ނުދެވޭތީ ދެރަވެއެވެ.
އެނދުންތެވެ ފާހާނާއަށް ވަދެ މޫނު ދޮވެލުމަށްފަހު ޒާރާ ނިކުތީ ސިޓިން ރޫމަށެވެ. އޭރު ސަރީފާ އިނީ ޒާރާގެ އިންތިޒާރުގައެވެ. މޭޒުމަތީގައި އަތުރާފައިވާ ކާތަކެތީގެ ވަސް މުޅި ސިޓިންރޫމުގައި ހަރުލާފާވެއެވެ.
ގޮނޑި ދަމާލުމަށްފަހު ޒާރާ އިށީނީ ސަރީފާއާ ޖެހިގެން ހުރި ގޮނޑީގައެވެ.
''މަންމާ....... '' ތައްޓައް ބަތް ސަމުސަލެއް އަޅާލަމުން ޒާރާ ގޮވާލީ ސަރީފާއަށެވެ.
''ބުނޭ ދަރިފުޅާ......... މަންމަ އަޑުއަހާނަން..........މަންމައަށް އެނގޭ ދަރިފުޅު މަންމަ ގާތުގައި ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެފައި ހުރިކަން..............'' ސަރީފާ ހިނިތުންވެލިއެވެ.
''ރަށަށް ގޮސަލަން ކަމަށް ......... ޒިލީ ދެކޭހިތުން ބައްޕަވެސް އުޅެނީ........... މިހާރު ވަރަށް ދުވަސް ވެއްޖެ އެއްނު........... މަންމަ އޯކޭ ވިއްޔާ މާދަމާ ފުރަންކަމަށް..........އެންމެ ރަނގަޅުތަ..........'' ޒާރާ ޖެހިލުންވެސް އޭނާގެ ހިތުގެ އެދުން ފާޅުކުރިއެވެ.
ސަރީފާ އެއްވެސް ޖަވާބެއް ނުދީ އިރުކޮޅަކު މަޑުކޮއްލިއެވެ. ހީވާގޮތުން އެކަމާ އޭނާ ވިސްނާލީއެވެ.
''މަންމައާ ދުރަށް އެންމެ ދުވަހަކަށްވެސް ޒިލީ ފޮނުވާކަށް މަންމަ ހިތެއް ނޭދޭ......... އެކަމަކު ދަރިފުޅު ތިބުނަނީ ވެސް ދޮގެއް ނޫން............. ދަރިފުޅުގެ މަންމައާ ބައްޕަ ދެކިލަން ބޭނުން ވާނެ ވަރު މަންމައަށް އިހްސާސް ކުރެވޭ.......... މަންމައަށް އެންމެ ރަނގަޅު ދިޔަޔަސް............ އެކަމަކު.............'' ސަރީފާ ވާހަކަ މަޑުޖައްސާލިއެވެ.
''އެކަމަކު ކީކޭ މަންމާ...........'' ޒާރާއަށް ކެތެއް ނުކުރެވުނެވެ. ސަރީފާ ބުނަން އެއުޅެނީ ކީކޭ ބާވައެވެ.
''ދެދުވަހަކު މަޑުކޮއްލަންވީނު..........އެގޮތް މަންމައަށް ރަނގަޅީ........... މާދަމާ ފުރަންވީމަ މަންމައަށްވެސް ހަދިޔާއެއްވެސް ގަނެ ނުލެވޭނެ........... އަދި ކުޑަމީހާގެވެސް ހެދުންކޮޅަކާ އެއްޗިހިވެސް ގަނެގެންނު ދާންވާނީ............'' ސަރީފާ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.
ސަރީފާ ބޭނުންވި ގޮތާ ދެކޮޅު ހަދާކަށް ޒާރާއަކަށް ނުކެރުނެވެ. އެހެންކަމުން ހިތާ ދެކޮޅަށް އެކަމަށް އެއްބަސްވިއެވެ. ދެދުވަސް ފަހުން ފުރަން ނިންމިއެވެ.
ކައި ނިމިގެން ތަށިތައް ނެގުމުގެ މަސައްކަތް ޖީނާއާ ހަވާލުކުރުމަށްފަހު ސަރީފާ ހިނގައިގަތީ އޭނާގެ އެޕާޓްމަންޓަށް ދާށެވެ. ޒާރާގެ ހިތް ނުތަނަވަސް ވާންފެށިއެވެ. ބިރުވެރި ޚިޔާލުތައް ކުރެވި ހިތުގެ ވިންދު އަވަސްވީ ހަމަ ކުއްލިއަކަށެވެ.
''މަންމާ.............'' ޒާރާއަށް އޭނާގެ މައިދައިތައަށް ގޮވާލެވުނީ ބޭނުންވީ ވަރަށްވުރެ ބާރަށެވެ.
ސަރީފާ އެނބުރި ބަލާލިއެވެ.
''ވިއްސާރަކަމުން އެކަނި ނިދަން އޮންނަން ވަރަށް ބިރުގަނޭ............. މަންމަ މަޑުކުރަންވީނު މިރޭ މިބައިގަ.................'' ޒާރާ ބުނެލިއެވެ. އޭރު ޒާރާގެ އަޑުގައިވާ ތުރުތުރު ސަރީފާއަށް ފާހަގަކުރެވުނެވެ.
''ތީ އެވަރު ކަމެއް ނޫނެއްނު........... މަންމަ ވަރަށް އުފާވެއްޖެ ތިގޮތަށް ދަރިފުޅު ބުނީމަ......... އެބަ އަންނަން މަންމަގެ ނިދާހެދުން ހިފައިގެން..........'' ސަރީފާ ނިކުމެގެން ދިއުމުން ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ.
******
ސަރީފާ އެޕާޓްމަންޓަށް ވަތްއިރު ފަހުދު އިނީ ސޯފާގައެވެ.
''ބޯއްތަ ނުނިދަންތަ އަދިވެސް........... މިހާ ވިއްސާރަ ރޭރޭ ޖެހޭނެ އަވަހަށް ނިދަން ..........'' ފަހުދު ސަމާސާ ރާގެއްގައި ބުނެލިނަމަވެސް އެއީ އޭނާގެ ހިތުގެ އެދުމެވެ. ސަރީފާ ނިދަން އޮށޯންނާނެ އިރަކަށް އޭނާ ފާރަލާތާ ކިތަންމެ އިރެކެވެ.
''ދެން ފަހުދު ކީއްވެޔޯ......... ނުނިދާ ތީނދީ......... ފަހުދަކަށް ވިއްސާރައެއް ނޫންތަ........... ބަސް އަހަގެން ދޭބަލަ އޮށޯންނަން...............'' ސަރީފާވެސް ފަހުދާ ސަމާސަކޮއްލިއެވެ. އަދި ކޮޓަރިއާ ދިމާއަށް ހިނަގައިގަތެވެ.
ސަރީފާ ކޮޓަރިއަށް ވަނުމުން ފަހުދަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ. އުންމީދުގެ އަލިކަން މޫނުމަތިން ވިދާލިއެވެ. އޭނާ ބޭނުންވާ ޓާގެޓާ ހަމައަށް ދިއުމަށް ކުރަން އޮތް ދަތުރު ފަށާ ވަގުތު ކައިރި ވަނީއެވެ. ޒާރާގެ ރީތި ހަށިގަނޑު ފަހުދުގެ ޚިޔާލަށް ގެނެވުނެވެ. އެ ސޫރަ މޫނމަތީގައި އެނބުރިގަތެވެ. ދަހިވެތި ކަން ހިތުގައި އުތުރި އަރައިގަތެވެ. އަމިއްލަ ނަފުސަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.
''އައްދެ....... ކޮންކަމަކާ މާ ހެވިފަ ތީނީ.......... ހޭލާހުރެގެން ހުވަފެން ބަލަނީ ދޯ........... ކޮޓަރިން ނިކުތް ސަރީފާގެ އަޑުން ފަހުދު ސިހުނެވެ. އޭނާގެ ތުންފަތް މަތީގައިވާ ލުއި ހިނިތުންވުން ފިލައިގެން ދިޔައެވެ.
''އާ ވަންނަންވީ ނިދަން........... ބޯއްތަ ނިދަންވަނީމަ ވަންނާނީ......... ޓީވީ ބަލާލަންތަ ތި ނިކުތީ......... މިރޭ ކިރުތަށި ނުހަދާ ރެއަކީތަ............'' ފަހުދަށް ކޮއްލެވުނީ އޭނާގެ ހިތުގައި އޮތް ސުވާލެވެ.
''މިރޭ މާލަހުން ކެއީމަ ކިރުތަށި ނުބޯންކަމަށް........... ކިހިނެތްވީ......... ފަހުދަށް ކިރުތައްޓެއް ހަދާދެންތަ......... ޖީނާވެސް އެބައުޅޭ ޒާރާ ބައިގަ............ ބޯއްތަ މިދަނީ އެބަޔަށް......ޒާރާ ބިރުން އުޅޭތީ މިރޭ އެބައިގަ ނިދާލަންމިދަނީ............ އެބަ ފޮނުވަން ޖީނާ...........'' ފަހުދުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ސަރީފާ ހިނގައިގަތީ ލިފުޓާ ދިމާއަށެވެ.
ނުނިމޭ... ވާހަަކައިގެ އާ ބައެއް، އިންޝާﷲ، 06 އޭޕްރީލް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ......
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް