ކޯވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ފައިޒަ ވެކްސިން ރާއްޖޭގައި ދޭނީ މާލެ ސަރަހައްދުގައި ވަކި ހާއްސަ ބަޔަކަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް 5،500 ޑޯޒްގެ ފައިޒަ ވެކްސިން ލިބިފައިވެ އެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން މިއަދު ބުނީ ފައިޒަ ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ. އަދި ފައިޒަ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި ކަމަށް ބުނެ އެވެ.
މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ފަރާތްތަކަށެވެ.
އޭގެތެރޭގައި ހިމެނެނީ ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުން، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނެވެ. އަދި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރާ މީހުންނެވެ.
މި ވެކްސިން އަކީ އުމުރުން 16 މަތީގެ އުމުރުފުރާތަކަށް ދެވޭ ވެކްސިނަކަށް ވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިފަދަ ފަރުވާއެއް ނުވަތަ ބައްޔެއް ޖެހިފައިވާ އަދި ބޭހެއް ބޭނުން ކުރާ ކުދިންނަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް ބުނެ އެވެ.
ފައިޒަ ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޖެހެނީ https://tinyurl.com/j5jdehrz ލިންކު މެދުވެރިކޮށެވެ. މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓްރީވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންނެވެ.
ވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒަ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް