އާތިފާއަކީ ދަންތުރައެއް ކަމަށް ނަޝީދު ވިދާޅުވުމުން އެމްއާރުއެމްއިން ރުޅި ގަދަވެއްޖެ

ކުރީގެ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު އާތިފާ ޝަކޫރަކީ ދަންތުރައެއްގެ ގޮތުގައި ސިފަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅުިގެން އާތިފާ ނިސްބަތ...

01 Apr 2021 | 11:42

ކުރީގެ ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު އާތިފާ ޝަކޫރަކީ ދަންތުރައެއްގެ ގޮތުގައި ސިފަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅުިގެން އާތިފާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ހިތްހަމަ ނުޖެހިއްޖެ އެވެ.

ކައުންސިލް އިންތިހާބު ކެމްޕެއިންނަށް އެމްޑީޕީ މާފަންނު ޖަގަހަ ހުޅުވުމަށް މިދިޔަ މަހުގެ23 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްގެ ބޭފުޅެއް ކަމަށްވާއިރު އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ތަސައްވުރު މާ ކުރިންސުރެ ކިޔައި ދެމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް އެ ދަންތުރައިން އަރައިގެންނަށް ދުވަސްކޮޅެއް ނެގި ކަމަށެވެ.

މި ވާހަކަފުޅާއި ގުޅިގެން އެމްއާރުއެމްއިން ހިތްހަމަ ނުޖެހިގެން ބަޔާން ނެރުނީ މިއަދު އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އާތިފާ އަކީ 2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ޢާތިފާ އަކީ ދާއިރާގެ ތަޖުރިބާހުރި، ހީވާގި ބޭފުޅެއް ކަމަށާއި އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އެކަމަނާ ޢައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ކަމަށެވެ،

އެމްއާރުއެމްއިން ބުނީ ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ގާނޫނުގެ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައި ވެއެވެ. އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވިއެވެ. މީގެއިތުރުން، ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓު ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިކަންވެސް ފާހަގަކޮށްލަމެވެ.

އަދި ރައްޔިތުންނަށް ފްލެޓް ދިނުމުށް އެކުލަވާލި ކޮމިޓީއަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އެކުލަވާލި ކޮމިޓީއެކެވެ. އަދި ކޮމިޓީގެ މަސައްކަތް ތަކުގައި ވެސް އެކަމަނާ އިޙުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވިކަމީ މިސަރުކާރުގެ އެންމެ އިސް ބޭފުޅުން ދަންނާނެ ހަޤީޤަތެކެވެ.

މިނިސްޓަރު ޢާޠިފާ ގެ މިޖާޒުފުޅުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އެކަމަނާ ވަޒީރުކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި އިރު ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔައެވެ. ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވިއެވެ. ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އެކަމަނާ އާދަވެގެން ކުރެއްވި ކަމެކެވެ. މިއީވެސް އެމް.އާރް.އެމް އާއި މިހާރުގެ ސަރުކާރުން އެކަމަނާއަށް ތާރީފުކޮށް، ޝުކުރުވެރިކަމާއެކު ފާހަގަކުރި ކަމެއް ކަމަށް ބުނެފައިވެ އެވެ.

އެދުވަހު ރައީސް ނަޝިދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މިހާރުގެ އެމްޑީޕީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް ސޯލިހުގެވެސް ތަސައްވަރެއް އެބަ އޮތް ކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯއްދަވާނެ ކަމަަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް