2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް 1 އޭޕްރީލް 2021 ވަނަ ދުވަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ނިންމައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ވަނީ އަސަރުކޮށްފައިވާކަން ބޭންކުގެ އަހަރީ ނަތީޖާއިން ހާމަވެއެވެ.
2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފަ. މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އަޅުގަނޑުމެންވެސް ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް. މި ދަތި އުދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން."
ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް