އެޗްޑީސީގެ "އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2021 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމީޔާތު ވާޗުއަލްކޮށް މިއަދު ބާއްވައިފިއެވެ. މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ޒޫމް މެދުވެރިކޮށ...

01 Apr 2021 | 11:10

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ 2021 ވަނަ އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމީޔާތު ވާޗުއަލްކޮށް މިއަދު ބާއްވައިފިއެވެ.

މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ޒޫމް މެދުވެރިކޮށް ބެއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަލީ ޒަކީ އަހްމަދުގެ އިތުރުން، ޓިވެޓް އޮތޯރިޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން އަލްފާޟިލް މުހައްމަދު ޙާޝިމް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އަލްފާޟިލް އާދަމް ޙަލީމް، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުޙައިލް އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޗް.ޑީ.ސީ އެޕްރެންޓިޝިޕް ޕްރްގްރާމްގައި 60 ދަރިވަރުން އަދި އެޗް.ޑީ.ސީގެ 30 މުވައްޒަފުން ތަމްރީނު ކުރާނެއެވެ.

އެޗް.ޑީ.ސީ އިން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންސްއާއި ސްޓޭންޑާޑްސް އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗް.ޑީ.ސީ އިން ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއެކު 17  ޑިސެމްބަރ 2020 ވަނަ ދުވަހު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ.

މިޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން މީހުން ތަމްރީނު ކުރާނެ އެވެ. 4 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވެއެވެ.

ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އެޗްޑީސީއިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 4 ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.

ސްޕޮންސަރުންގެ ގޮތުގައި މި ޕްރޮގްރާމްގައި 4 ކުންފުންޏަކުން ބައިވެރި ވެފައިވާ ކަމަށް އެޗްޑީސީއިން ބުނެއެވެ. އެއީ  އިލާ މޯލްޑިވްސް، އިނޯކާ ޕްރައިވެޓް ލިމިޓެޑް، އެފް. ޑަބްލިޔު ކޮންސްޓްރަކްޝަން އަދި މުނި އެންޓަޕްރައިޒަސް އެވެ.

ކުންފުނިތަކަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްޑީސީ އަދި އެހެން ކުންފުނިތަކާއި ގުޅިގެން ޤައުމުގެ މަސައްކަތުގެ މައުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރާށް ނެރުން ކަމުގައި އެޗްޑީސީއިން ބުނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވާ ކުންފުނިތަށް ނުވަތަ ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބޭނުންވާ ފަންނުތަކުން މުވައްޒަފުން އުފެއްދުމުގެ ފުރުސަތު ލިބިގެންދިއުމާއި، އެފަރާތްތަކުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ  އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެކަމުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުޙައިލް އަހްމަދު ވިދާޅުވިއެވެ.

އަދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.

އަދި ކުރިމަގުގައިވެސް ޙިދުމަތްތެރި ފަންނީ ޒުވާނުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ބައިވެރިންގެ އަދަދު އިތުރުކޮށް ގިނަ މަސައްކަތްކެއް  އެޗް.ޑީ.ސީގެ ފަރާތުން ހިންގުމަށް ރޭވިފައިވާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް