އެމް.ޑަބްލިޔު.އެސް.ސީ: ރައްޔިތުންގެ ޚިދުމަތުގައި 26 އަހަރު

މިއަދަކީ އެމް.ޑަބްލިޔު.އެސް.ސީ ގެ ފެނާއި ނަރުދަމާ ޚިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް  ދިމާވެފައިވާ  އެންމެ ބޮޑު އެއް...

01 Apr 2021 | 10:34

މިއަދަކީ އެމް.ޑަބްލިޔު.އެސް.ސީ ގެ ފެނާއި ނަރުދަމާ ޚިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ. އެމް.ޑަބްލިޔު.އެސް.ސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް  ދިމާވެފައިވާ  އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ  ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

60 ހަކަށް މުވައްޒަފުންނާއެކު، ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި މިކުންފުނިން މިހާރު ދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުނެވެ.

އެ ކުންފުނީގެ އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް  ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ.

އަދި އިންސާނީ ވަޞީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަކީ އަމާޒެއްކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.

ގްރޭޓަރ މާލެ ރީޖަންގެ އިތުރުން އެމް.ޑަބްލިޔު.އެސްސީ އިން ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި ރ.ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، ރ.ދުވާފަރުގައި އެ ކުންފުނިން ދަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އެ ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ.

މިގޮތުން، މިކުންފުންޏަކީ މިއަދު ރާއްޖޭގައި ހިނގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގ އަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރ، އޯ ޕްލަންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އެ ކުންފުނީގެ 2 އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ.

އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީ އިން އިލެކްޓޯނިކް ޚިދުމަތްތައްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން މިކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް މިކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

ކުންފުންޏަށް 26 އަހަރު ފުރިގެންދާއިރު 2021 ވަނަ އަހަރު ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. 2020 ވަނަ އަހަރަކީ މުޅިދުނިޔެއަށް ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ އަހަރެއް ނަމަވެސް އެ ކުންފުނިން ފޯރުކޮށްދެމުން ދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދެމުން ދެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެދާ މަސައްކަތްތަކަށްވެސް އެ ކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި އެ ކުންފުނީގެ ސީއެސްއާރު ދަށުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެ ކުންފުނިން ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ ގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ހުރިހާ މުވައްޒަފުންނާ ވާރޗުއްލަކޮށް ބައްދަލުކުރައްވައި މުޚާތަބު ކުރައްވާފައެވެ. އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26" ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާރޗުއަލް ރަން" އެއްވެސް ދުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް