ދަރިވަރުން ސްކޫލަށްވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު އަމަލު ކުރަން ނިންމާފައިވާ އުސޫލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިސްލާހު ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ވަނީ މި އުސޫލަށް ހަތް އިސްލާހެއް ހުށަހަޅާފައި އެވެ. އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ އިސްލާހު ހުށަހަޅަން ނިންމާި އިންސާނީ ހައްގުތަކުގެ ނަޒަރުން އެ އުސޫލު މުރާޖައާ ކުރުމަށް ފަހު ކަމަށެވެ.
އެ ކޮމިޝަނުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، ސްކޫލަށް ފޮނުވުމަށް އިހުމާލުވާ ބެލެނެވެރިން ފާހަގަކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އެކުލަވާލުން ހިމެނެ އެވެ.
ސިއްޙީ ހާލަތެއް ނުވަތަ އެނޫންވެސް ހާލަތަކާގުޅިގެން ސްކޫލަށް ހާޒިރުނުވެވޭ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެއްސަން ހުށަހަޅާފައިވެ އެވެ.
ގްރޭޑް 1 އަށް ވައްދާ ކުދިންގެ ތެރެއިން ފައުންޑޭޝަން ސްޓޭޖް ފުރިހަމަ ކޮށްފައި ނުވާ ކުދިން ފާހަގަކޮށް އެކުދިންގެ ފެންވަރު ބެލުމަށްފަހު އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭންގެ ދަށުން އުނގެނުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމް ހަމަޖެއްސަން އެދިފައިވެ އެވެ.
އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ ކުދިންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ސަރުކާރު ސްކޫލުތަކުގައި ތަޢުލީމު އުނގެނެވޭނެ ހަމަހަމަ ފުރުސަތު ހަމަޖެއްސުން.
މި އުސޫލުގެ ދަށުން ޝަކުވާ ހުށަހެޅޭނެ އަދި ޝަކުވާ ބެލޭނެ ނިޒާމާގުޅޭ މާއްދާއެއް އުސޫލުގައި ހިމެނުމަށް އެދިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް