ޅ. ކުރެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ކުރެންދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
އެ ރަށުން ދެ މީހަކު މިއަދު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. އެއީ ޅ. އަތޮޅުގެ އެހެން ރަށްރަށުގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށުގައި ނެގި ރެންޑަމް ސާމްޕަލްތަކެއްގެ ތެރެއިން ޕޮސިޓިވްވި ދެ މީހުންނެވެ.
މިހާތަނަށް އެ ރަށުން 166 ރެންޑަމް ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ލިބިފައިވަނީ 100 ސާމްޕަލެއްގެ އެވެ.
ކުރެންދޫގެ އިތުރުން އެ އަތޮޅު ނައިފަރާއި، ހިންނަވަރު އަދި އޮޅުވެލިފުށީގެ އިތުރުން ސަރުކާރުގެ މަސް ބަންދުކުރާ ފެކްޓްރީ ހިންގާ ފެލިވަރު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ހިންނަވަރުން މިހާތަނަށް 12 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ފެލިވަރުން 150، ނައިފަރުން 99 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އޮޅުވެލިން ފުށިން ވެސް އެކަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު އެންމެ ކޯވިޑް ކޭސްތައް ގިނައީ ހުރާގައި އެވެ. އެ ރަށުގައި 108 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރާ އާއި ނައިފަރުގައި އަޅާފައިވާ ފިޔަވަޅުތައް ރެއިން ފެށިގެން ވަނީ ވަރުގަދަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް