ހިޔާ ފްލެޓު ލިބުނު ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ފްލެޓު ދޫކޮށްލާ ފަރާތްތަކަށް ޖާގަ ތަނަވަސް ފްލެޓުތަކެއް ބޯހިޔާވަހި ކަމުގެ އެހެން ޕްރޮގްރާމެއްގައި ދޭ ގޮތަށް ހަމަޖައްސައި ފުރުސަތު ހުޅުވާލައިފި އެވެ.
ހިޔާ މަޝްރޫއުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެކަމުގެ ޔަގީން ސަރުކާރުން ދޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ އިއްޔެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ސަރުކާރުން މިހާރު ދަނީ އެ ފުރުސަތުގެ ބޭނުން ހިފައި ފްލެޓްތައް ބަދަލުކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ހިޔާ މަޝްރޫއަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން ފްލެޓްލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަން މެންބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.
ޑޮކްޓަރުންނާ ނަރުހުންގެ ކެޓަގަރީން ޝަރުތުހަމަވެ، ފްލެޓް ލިބޭނެ ކަމަށް މިހާރު ކަނޑައަޅާފައިވާ ފަރާތްތަކާ ސަރުކާރުން މަޝްވަރާކުރުމަށްފަހު، މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ. .
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް