ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ ވަރަކަށް ބިމެއް ނެތް: މިނިސްޓަރު އަސްލަމް

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް މި ވަގުތު އޮތް ހައްލަކީ، ގުޅީ ފަޅުން ގޯތި ދޫކުރުން ކަމަށާއި އެކަމަކު ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ މިންވަރަށް ބިން ނެތް...

01 Apr 2021 | 07:46

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް މި ވަގުތު އޮތް ހައްލަކީ، ގުޅީ ފަޅުން ގޯތި ދޫކުރުން ކަމަށާއި އެކަމަކު ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ މިންވަރަށް ބިން ނެތް ކަމަ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، ރާއްޖޭގެ ހުރިހާ ހިސާބަކުން ހުޅުވާލެވިގެން ގޯތި ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށެވެ.

މަލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް، ސަރުކާރުން ވިސްނާފައިވަނީ، ގުޅީ ފަޅުން ގޯތި ދޫކުރުމަށެވެ. އެހެންނަމަވެސް، ހައުސިން މިނިސްޓަރު ވިދާޅުވީ، މިއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ މިންވަރަށް ބިން ނެތް ކަމަށެވެ.

"އަޅުގަނޑު ނެތިން އެއްވެސް ގޮތަކަށް ރައްޔިތުންނަށް އޮޅުވާލާކަށެއް، ނެތް ބިންތަކެއްގެ ވާހަކަ ދައްކާކަށެއް. ދެން ހަމަ ގައިމުވެސް އަޅުގަނޑު ނެތިން އެކަން ކުރާކަށް. ކޮންމެވެސް ވަރަކަށް އެކަން ކުރެވޭނެ. އެކަމަކު، އެންމެން ބޭނުންވާ މިންވަރަކަށް ބިމެއް ނެތް ހަމަ ޔަގީނުންވެސް. ދެން އެޑިމާންޑު އެވަރަށް އޮތީ މާލޭގަ. ބިމުގެ ޑިމާންޑު" މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މައްސަލަ ދިމާވެފައިވަނީ، ގިނަ ބަޔަކު އެއްތަނަކަށް ފުނިޖެހުމުން ކަމަށެވެ. އެމީހަކު ބޭނުން ހިސާބަކުން ގޯތިދެވޭނެ އުސޫލެއް ހަމަޖެހިއްޖެނަމަ އެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

އެކަމަކު މިގޮތަށް މިކަން ކުރިއަށްގެން ދިއުމަށް ދިމާވެފައިވާ، ދަތިކަމަކީ، ރަށްރަށުގެ ކައުންސިލްތަކުން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ރަށު މީހަކަށް ނޫނީ، ރަށުން ގޯތި ދޭން އެއްވެސް ރަށެއްގެ ކައުންސިލުން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މިއަށްވުރެ ހުޅުވާލައިގެން، ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ، ގޯތި ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެހެން ރަށްރަށުން ބަދަލުވާން އެދޭ މީހުންނަށް މަރުހަބާ ކިޔުމުގެ ވިސްނުމެއް ރަށްރަށުގެ މީހުންވެސް ގެންގުޅެން ޖެހިފައިވާކަމަށެވެ. އެކަން އެހެން ކުރުމުން ރަށުގެ ތަރައްގީއަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެކަމަށެވެ. މާފުށީގެ ތަރައްގީއަށް މިސާލު ޖައްސަވަމުން، އަސްލަމް ވިދާޅުވީ، އެރަށަށް މިހާރު ލިބިފައިވާ ކުރިއެރުމުގައި ރަށުން ބޭރު މީހުންގެ ހިއްސާ ބޮޑުކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް