އައްޝައިޚް ޙަސަން ފައިޞަލް ވިދާޅުވިއެވެ. ކާފަރުން ފާހަގަކުރާ ތަފާތު ޢީދުތައް މިއަދު މުސްލިމް ޤައުމުތަކުގައި ފާހަގަކުރުން މިވަނީ އާދައަކަށް ހަދާފައެވެ.
ލޯބިވެރިންގެ ދުވަހާއި އުފަންދު ވަހާއި ކުރިސްމަސް ދުވަހުގެ އިތުރުން މުޅި އިންސާނިއްޔަތު ގޯސް ކަންކަމުގެ ގޮތުގައި ބަލައިގެންފައިވާ ހުތުރު ސިފަތަކުން ނަންދެވިފައިވާ ދުވަސްތައް ވެސް މިވަނީ ފާހަގަ ކުރަން ފަށާފައެވެ. އެގޮތުން އޭޕްރިލް މަހުގެ އެއް (01) ވަނަ ދުވަހަކީ ވެސް "އޭޕްރިލް ފޫލް"ގެ ނަމުގައި ފާހަގަކުރަމުންދާ މިފަދަ ދުވަހެކެވެ.
މިއީ ދިވެހި ޖީލުގައި، ޚާއްޞަކޮށް ޒުވާނުންގެ ތެރޭގައި ފެތުރެމުން އަންނަ ނުބައި އަޚްލާޤީ ސިފައެކެވެ. އެގޮތުން މިދުވަހު ބަޔަކު މީހުން ރާވައިގެން ކޮންމެވެސް މީހަކު މޮޔަ ހައްދާ ބިރުގަންނަވާނެއެވެ. މިކަން ކުރަނީ މަޖާ ކުރުމަށްޓަކައެވެ. އެގޮތުން އެބައިމީހުންގެ ރޭވުން ކާމިޔާބު ކުރުމަށްޓަކައި ގިނަ ދޮގުތަކެއް ހަދާ އެމީހާއަށް ބޮޑުވެގެންވާ ލަނޑެއްދޭނެއެވެ. އަދި އެއީ "އޭޕްރިލް ފޫލް" ކަމަށް ބުނެ އެއީ މަޖަލެއް ކަމުގައި ހަދައެވެ. އެހެން ކަމުން މިކަމުގައި އިސްލާމްދީން ދެކެނީ ކިހިނެއްކަން އެނގުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކުރާކަމެކެވެ.
އެންމެ ފުރަތަމަ އަދި މުހިންމު ކަމަކަށް ދޮގު ހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. މިއީ ހުރިހާ ނުަބައި ކަމެއްގެ ފެށުމޭ ބުނެވެއެވެ. ކީރިތި ޤުރްއާނުގެ ސޫރަތުއް ނަޙްލުގެ 105 ވަނަ އާޔަތުގައި اللهُ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދޮގުހަދާކަން ކަށަވަރީ، اللهُގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގުވެރީންނެވެ." މި އާޔަތުން ވަރަށް ސާފުކޮށް މި ކަމުގެ ނުބައިކަން އެބަ އެނގެއެވެ. ދޭހަވެއެވެ.
އަދި ކިއެއްތޯއެވެ. ރަސޫލާ (صَلَّى اللهُ عَلَيْهِ وسَلَّمَ)ގެ ސުންނަތުން އެނގޭގޮތުގައި ދޮގުހެދުމަކީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައިވާ މުނާފިޤުންގެ ސިފައެކެވެ. اللهُ ރުއްސުންލެއްވި އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރެއްވިއެވެ. “މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. ވާހަކައެއް ދައްކައިފިނަމަ ދޮގުހަދާނެ އެވެ. ވަޢުދެއްވެއްޖެނަމަ އެއާ ޚިލާފުވާނެ އެވެ. އަމާނާތަކާ ޙަވާލުވެއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.” އަޙުންނޭވެ. މި ކުރެވެނީ ކިހައި ނުބައި ކަމެއްތޯއެވެ؟ ވިސްނާލާށެވެ.
އާދޭހެވެ. ދެން އުފެދޭނެ ސުވާލަކީ މަޖަލަކަށްވެސް ދޮގެއް ހެދުމަކީ މައްސަލައެއްތޯއެވެ؟ ޖަވާބަކީ އާނއެކެވެ. އައްޝައިޚް ޙަސަން ފައިޞަލް ވިދާޅުވާ ގޮތުގައި. އޭޕްރިލް ފޫލް ނުވަތަ ކުޑަކުދިން ހައްދާލަން ނުވަތަ އެނޫންކަމަކަށް ވެސް ދޮގު ހެދުމަކީ އިސްލާމްދީން މަނާ ކުރާކަމެކެވެ. ނަމަވެސް މަޖާކުރުމާއި ހައްދުފަހަނައަޅާފައިވާ މީހުން ދެކޭގޮތުގައި މަޖާކޮށް ހުނުމަށްޓަކައި ޖޯކެއްގެ ގޮތުގައި ދޮގުހެދުމަކީ މާބޮޑު މައްސަލައެއް ނޫނެކެވެ. އެގޮތުން އޭޕްރިލް މަހުގެ ފުރަތަމަ ދުވަހު ވެސް މީހަކު މޮޔަ ހެއްދުމަށް ފަހު އޭނާ ކުރާ ކަންކަމަށް މަލާމަތްކޮށް ހީނ ސަކަރާތްޖަހާލުމަށް މިފަދަ ދޮގު މަކަރުތައް ހަދަނީއެވެ. އެހެން ނަމަވެސް އިސްލާމްދީނުގައި ސަމާސާއަށް ވިޔަސް ދޮގުހެދުން ހުއްދަކުރައްވައިފައެއް ނުވެއެވެ.
اللهُގެ ނަބިއްޔާ މުޙައްމަދު (صَلَّى اللهُ عَلَيْهِ وسَلَّمَ) ޙަދީޘްކުރައްވައިފައިވެއެވެ. "މީހުން ހެއްވުމަށްޓަކައި ހަދަހަދައިގެން ދޮގު ވާހަކަ ދައްކާ މީހާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ. އަދި އޭނާއަށް ހަލާކު ހުއްޓެވެ." މިފަދައިން ތަކުރާރުކޮށް ޙަދީޘްކުރެއްވިއެވެ.
ދޮގުހަދާމީހާގެ ހަށިގަނޑުގައި އެންމެ ފަހުން އޭނާގެ އެ ނުބައި އަށަގަންނާނެއެވެ. ދޮގު ހެދުމަށް އާދަވުމުން، ކިތަންމެ ބޮޑު ދޮގެއްހެދުމަށް ވެސް އެ މީހަކު ފަހެއްނުޖެހޭނެއެވެ. އަދި ދޮގުހެދުމުގައި އެފަދަމީހާ ދެމިހުރެ އެންމެ ފަހުން اللهُގެ ޙަޟްރަތުގައި ލިޔެވި ސިއްކަޖެހިގެން ދަނީ ދޮގުވެރިއެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވަނީ، ތެދުވެރީންނާއި ތަޤުވާވެރީންނަށް ދެއްވުމަށް اللهُ ސުބްޙާނަޙޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ސުވަރުގެއިން އޭނާ މަޙްރޫމްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް