އެޗްޑީސީއިން ފުވައްމުލަކު ކޯލް ސެންޓަރު އިފްތިތާޙު ކޮއްފިއެވެ.
ވާޗުއަލްކޮށް ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވަނީ ކޯލް ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމުގައި ދަންނަވާފައެވެ.
އަދި ފުވަމުލަކުގެ ރައްޔިތުންނާއި އެ ކުންފުންޏާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމުގައި ސުހެއިލް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަފުޅުދައްކަވަމުން ފުވަމުލަކުގެ މޭޔަރ އަބްދުﷲ ފަލާހް ޝަރީފް ވަނީ ފުވަމަލުކު ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫންކަމަށާއި، އެޗް.ޑީ.ސީގެ އަރބަން ސިޓީއެއް ތަރައްޤީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވަމުލަކަށް އެތައް ތަރައްޤީއެއްގެނައުން ކަމުގައި ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވެސް ވަނީ ހަފްލާގެ ބައިވެރިންނާއި މުހާތަބު ކުރައްވާފައެވެ. އަދި މި ވާހަކަފުޅުގައި އެޗް.ޑީ.ސީގެ ވިސްނުން ހުރީ ހުޅުމާލެ ފަދަ އެތައް ސިޓީއެއް ރާއްޖޭގައި ތަރައްޤީކުރުމުގެ ބައިވެރިއަކަށްވެ، މިކަމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރަށްކަމަށް ވިދާޅުވެފައެވެ.
މިވަގުތު ޖުމްލަ 3 މުވައްޒަފަންނާއި އެކު ހުޅުވިގެން މިދިއަ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވަމަލަކުން ހޮވާލެވުނު މީހުންނެވެ. އަދި ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮޤްރާމްތަކެއް އެ މުވައްޒަފުންނަށް ހިންގާފައި ވެއެވެ. މީގެއިރުތުރުން، ކުރިމަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަކީ އެ ކުންފުނިން ޙާއްޞަ އަހައްމިއްޔަތު ކަމެއްދީގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއްކަމުގައި އެޗްޑީސީއިން ފާހަގަކުރިއެވެ.
ފުވަމުލަކުގައި މިއަދު އިފްތިތާޙު ކުރެވިގެން މިދިއަ ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިއަ މުހިއްމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމާޒަކީ އެ ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް އެ ކުންފުންޏަށް ގުޅާ ޙިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެޗްޑީސީއިން ބުނެއެވެ.
މީގެ އިތުރުންވެސް މި ކޯލް ސެންޓަރުގެ ސަބަބަބުން ފުވަމުލައް ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އެ ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްޤީކުރުމަށް އެ ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ޤަބޫލުކުރާ ކަމުގައި އެޗްޑީސީއިން ފާހަގަކޮށްލިއެވެ.
މިއީ އެ ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގު ފެންވަރު ރަނގަޅުކޮށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައެޅި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން 'ބިޔޯންޑް ހުޅުމާލެ' ގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކުގައި ފުވަމުލައް ސިޓީގައި ޤާއިމުކޮސްފައިވާ ކޯލް ސެންޓަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ރަސްމިއްޔާތުގައި ވަނީ 1516 ހޮޓްލައިންވެސް އިފްތިތާހްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް