ޖުމައްޔިލްގެ މައްޗަށް މިފަހަރު ދައުވާކޮށްފި

ފިލްމީތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ. އެނގިފައިވާ ގޮ...

01 Apr 2021 | 06:46

ފިލްމީތަރި މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އިން އުފުލައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދައުވާ ޖުމައްޔިލްގެ މައްޗަށް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އަދި ފަށައިފައެއް ނުވެ އެވެ.

ކުރިންވެސް މި މައްސަލަ ޕީޖީއަށް ހުށަހަޅާފައި ވެއެވެ. ނަމަވެސް ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ޖުމައްޔިލްގެ މައްޗަށް އޭރު ދައުވާ ނުކޮށް އޮތީ، ވިކްޓިމް ބުނާ ބުނުން ފިޔަވާ އިތުރު ހެއްކެއް ނެތް ކަމަށް ބަލައިފަ އެވެ.

އޭރު ޕީޖީގެ މަގާމްގައި ހުންނެވީ އައިޝަތު ބިޝާމް އެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖުމައްޔިލް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުކޮށް އެމައްސަލަ އެކުއްޖާ މީސްމީޑިޔާއަށް ތިލަކޮށްފައި ވަނީ 2020 ޖުލައިގައެވެ.

ޖުމައްޔިލްގެ ޖިންސީ ޝިކާރައަކަށް ވީކަމަށް ބުނާ، އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ ވަނީ ޓުވިޓާ އަދި ފޭސްބުކްގައި އެ ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. އޭނާ ބުނީ 2016 ވަނަ އަހަރު ހިނގި އެ ހާދިސާއަށް، މިއަދާ ހަމައަށްވެސް އިންސާފު ލިބިފައި ނުވަނީ އެމައްސަލަ ޕީޖީއަށް ދިއުމުން ބާރުގެ ބޭނުންކޮށްގެން މައްސަލަ އޮއްބާލާފައިވާތީ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ޑާކް ރެއިން އެންޓަޓައިމެންޓުގެ ޕްރޮޖެކްޓްތަކުން ފިލްމީ ތަރި ޖުމައްޔިލް ނިމާލު ވަކިކުރަން އެކުންފުނިން ނިންމި އެވެ. އަދި އޭގެ ފަހުން އޭނާ  ދިވެހި ފިލްމް އިންޑަސްޓްރީއިން ފެނިފައެއް ނުވެއެވެ.

ޖުމައްޔިލްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް އަންނާނެ ކަމަށް ލަފާކުރެވެނީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ ޖަލު ޙުކުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް