ރައްޔިތުންގެ މަޖިލީހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ބޭރު ކުރީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.
މަލީހު މަގާމުން ބޭރު ކުރިތާ މަހެއް ވީއިރު އެ މިނިސްޓްރީ ހިންގަން މިނިސްޓަރެއް އައްޔަން ކޮށްފައި ނުވާއިރު މަލީހު މަގާމުން ބޭރު ކުރި މައިގަނޑު މަގުސަދާއި މެދު ވަނީ ސުވާލު އުފައްދަން ޖެހިފަ އެވެ. އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަޖިލީހަށް އެމްޑީޕީ މެމްބަރުން ހުށަހެޅީ އިންޓަނެޓް އަގު ހެޔޮ ނުކުރުމާއި ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ދެ އަހަރުވީއިރުވެސް ނަހަދާ ހުރި ކަމަށް ބުނެ އެވެ.
މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުން ނެގީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ތަކުރާރު ކޮށް މަޖިލީހުގެ ތަޅުމުގައި އޭނާ ވިދާޅުވާން ފެއްޓުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަލީހު އެދުވަހު މަގާމުން ވަކި ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. އަދި އެމްޑީޕީ މެމްބަރުން ވަނީ އޭނާ މަގާމުން ވަކި ކުރަނީ ޒާތީ ހަސަދައެއް އޮވެގެން ނޫން ކަމަށާއި ޒިންމާ އަދާ ނުކުރެވޭތީ ކަމަށް ވިދާޅުވެފައި އެވެ.
މަލީހު ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ ޓީވީ ޕްރޮގްރާމެއްގައި އެމްޑީޕީން ތާއީދު ކުރާ ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ވާހަކަ ދެއްކެވުމުން ޒާތީ ގޮތުން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ބޭނުންވި ގޮތަށް މަލީހު މަގާމުން ވަކި ކުރެވިއްޖެ އެވެ.
އެކަމަކު ދެރައީ ނަތީޖާއެއް ނުނުކުތުމެވެ. މަލީހުގެ ބަދަލުގައި ކޮމިއުނިކޭޝަން މިނިސްޓްރީ ހިންގަން އަދިވެސް މިނިސްޓަރަކު އައްޔަން ކޮށްފައެއް ނުވެ އެވެ. އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވެމުންދާކަން ނޭނގޭއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ އެއީ ހުންނަން ޖެހޭ މިނިސްޓްރީއެއް ނޫން ކަމަށެވެ.
މަލީހު މަގާމުން ވަކިކުރި ދުވަހުން ފެށިގެން އެ މިނިސްޓްރީ ހިންގަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ބެލުމުގެ ދަށުންނެވެ.
އިންޓަނެޓު އަގު ހެޔޮ ނުވާ މައްސަލައިގަ މަލީހު މަގާމުން ބޭރު ކުރުމުން އާންމުން ގަބޫލުކުރީ ރައްޔިތުންގެ އަޑު އެންމެ ބޮޑަށް އިވެނީ އެމްޑީޕީއަށް ކަމަށެވެ. އެހެންވެ މަލީހު ވަކި ކުރުމާއި އެކު އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުންމީދުގައި ތިއްބަ މަހެއް ވީއެވެ. ވީކަމެއް ނެތެވެ.
މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ މަލީހު މަގާމުން ވަކި ކުރުމުން އިންޓަނެޓް އޮގު ހެޔޮވެފައި ނުވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އިންޓަނެޓް އަގު ހެޔޮ ކުރުމާއި މެދު ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަން ކުރުން އޮތް ހިސާބާއި ގުޅޭގޮތުންވެސް ދޭނެ ޖަވާބެއް މަބްރޫކަށް އެނގިވަޑައެއް ނުގަތެވެ. ވިދާޅުވީ ފައްޔާޒުގެ ބެލުމުގެ ދަށުން އެ މިނިސްޓްރީ ހިންގަމުން ދާ ކަމަށެވެ.
އެހެން ކަމުން މަލީހު މަގާމުން ވަކި ކުރި މަގުސަދު މިއަދު ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަން ޔަގީނެވެ. މަގާމުން ވަކިކުރި ދުވަހު މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު ގަބޫލުކުރަންވީ ކޮން ވާހަކަތަކެއް ކަން މިހާރު ރައްޔިތުންނަށް ވާނީ ގަބޫލު ކުރެވިފައި އެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެއްކެވީ ވަރަށް ރަނގަޅު ވާހަކަ އެކެވެ. އެދުވަހު އޭނާ ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށެވެ.
އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސް އޮފީހުން އިއުލާނު ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަށް ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ހެދުމަށް ފަހު ކޮމިއުނިކޭޝަން އޮތޯރިޓީން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް މަލީހު ވިދާޅުވެފައި ވުމުން މިނިސްޓަރުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހުށައެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަލީހު މަގާމުން ބޭޭރު ކުރީ އެމްޑީޕީގެ ބާރު ގަދަކަން ދައްކައި ޒާތީ ހަސަދައެއް ފިލުވުމަށެވެ. އަދި އެއަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާދާރުވާން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް