ލާމަރުކަޒީ ނިޒާމުގެ ބިންގާ ވެގެންދާނީ ތަރައްޤީގެ އެންމެ މުހިންމު ލޭނާރަށް: ނަޝީދު

މިއަދު އެޅިފައި މިވާ ލާމަރުކަޒީ ނިޒާމުގެ ބިންގާ ވެގެންދާނީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު ލޭނާރަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝ...

01 Apr 2021 | 06:23

މިއަދު އެޅިފައި މިވާ ލާމަރުކަޒީ ނިޒާމުގެ ބިންގާ ވެގެންދާނީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު ލޭނާރަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ބޭއްވި "ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ލާމަރުކަޒު ކުރުމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން މުހިންމު ކަމެއް ކަަމަށާއި ބާރުތައް ޖަމާކުރުމަކީ ގައުމެއް ތަރައްގީ ކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދިއެއީ ކުރުން ރަނގަޅުކަމެއް ކަމުގައި އެއްވެސް އިލްމެއްގައި ނޯންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވަނީ އަންހެނުން ގޮނޑިތަކަށް އިންތިޚާބުކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރެވިފައި ވަނީ ކައުންސިލްތަކުގެ ގޮނޑިތަކުގެ ތިން ބައި ކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ލިބޭ ގޮތަށް ކަމަށާއި އެހެންކަމުން ރަށްތައް ތަރައްގީ ކުރުމުގައި ރާއްޖޭގެ މުޅި އާބާދީ ޝާމިލުވެވޭއިރު މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަންހެނުންގެ ދައުރާއެކު ހިންގުންތެރިކަން މާ ރަނގަޅަށް ކުރިއަރައިދާކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށާއި އަންހެނުން ވަޑައިގެން އިންތިހާބީ ދައުރެއް އަދާކުރުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ކައުންސިލްތަކުން އަޅުގަނޑުމެންނަށް ފާހަގަވާ އަންހެން ބޭފުޅުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މާ ބާރަށް ވިދައިގެންދާނެ. އެއީ އަރާތަރި، އަޅުގަނޑުމެންގެ ރަށްވެހި ފަތިހުގެ އެންމެ އުޖާލާ މޭވާ" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް