ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މި ކަންކަން ކޮށްލާ !

ރަމަޟާން ހަމަކީ މާތް މައްސަރެކެވެ. އަޅުކަމުގެ މައްސަރެކެވެ. ނަފުސު ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މުސްލިމުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރި ކަމެއް ގެނެސްދޭ މަސްސަރެކެވެ. އެއީ ކީރިތ...

01 Apr 2021 | 04:39

ރަމަޟާން ހަމަކީ މާތް މައްސަރެކެވެ. އަޅުކަމުގެ މައްސަރެކެވެ. ނަފުސު ތާހިރުކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. އަދި މުސްލިމުންގެ ހިތްތަކަށް އާދަޔާ ޚިލާފު އުފާވެރި ކަމެއް ގެނެސްދޭ މަސްސަރެކެވެ. އެއީ ކީރިތި ޤުރުއާން ބާވާލެއްވި މަސްސަރެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ކިޔަވައިދިނުމުގެ މަސްސަރެވެ. ދަމުނަމާދު ކުރުމާއި ތަރާވިހް ނަމާދު ކުރުމުގެ މަސްސަރެވެ. އަދި ޞަދަޤާތް ދިނުމާއި ފިތުރު ޒަކާތް ދޭން ޖެހޭ މަސްސަރުވެސް މެއެވެ.

އާދެ! އެހެނިހެން އުންމަތްތަކުގެ މީހުންގެ މައްޗައްވެސް ރޯދަ ފަރުޟުކުރެއްވުނު ފަދައިން މާތް ﷲ، މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެއްވިއެވެ. އެއީ އެކަލާނގެ ކިބަފުޅަށް ބިރުވެތިވެ ތަޤުވާވެރިވުމަށެވެ. ދެންފަހެ ރަމަޟާންމަހުގެ ދުވަސްތައް އަޅުގަނޑުމެންނާއެކު ތަކުރާރުވަމުންދާއިރު، ރޯދައާއިބޭހޭގޮތުން ބައެއްފަހަރު ބޭނުންވެދާނެ މަޢުލޫމާތު ތަކެއްވެސް ވާނެކަންޔަޤީނެވެ. މިހެންކަމުން އަޅުގަނޑު މި މަޒްމޫނު ޚާއްޞަކޮށްލާނީ ރޯދައާއި އޭގެ ބައެއް ޙުކުމުތަކާއި، އަދި ފިޠުރު ޒަކާތުގެ މައްޗަށްވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާފައިވާ ލިއެވޭ މަޒްމޫނެއްގެ ގޮތުގައެވެ. ﷲ ތައުފީޤް ދެއްވާށި އާމީން.

ރަމަޟާންމަސް ގާތްވުމުން އެމަހުގެ މާތްކަން އުއްމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم) މިބަސްފުޅުގެ މާނައަކީ “ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމް އަޙްމަދާއި، އަލްއިމާމު ނަސާއީއާއި، އަލްއިމާމު ބައިހަޤީއެވެ. އަދި ރަމަޟާންމަހުގެ ރޯދައާ ބެހޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ. “من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه” މާނައީ : “ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަހިފައިފިމީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ.” މިޙަދީޡް ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި، އަލްއިމާމު މުސްލިމެވެ.

އަހަރެމެން ރޯދަމަހަށް މަރުޙަބާ ކިޔާ ހިނދުގައި ވާންޖެހޭ ތައްޔާރިތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

• މިއަދުން ފެށިގެން ހަފްތާގެ ކޮންމެ ހޯމަދުވަހާއި ބުރާސްފަތިދުވަހު ރޯދައަށް ހުންނަން އާދަކުރާށެވެ.

• ކޮންމެ ދުވަހަކު ފަތިސްނަމާދު ކުރުމަށް ފަހުގައި ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔުމަށް އާދަކުރާށެވެ.

• ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާ އަޑުއެހުމަށް ވަގުތު ހޭދަކުރުމަށް އާދަކުރާށެވެ.

• ރޭގަނޑުގެ ކުރީބައިގައި ނިދަން އާދަކުރާށެވެ. ލަހުން ނިދުމުގެ ސަބަބުން ފަތިސްނަމާދަށް ނުހޭލުވުން ގާތް ވާނެތީއެވެ.

• ތިބާގެ ނަފްސު ޠާހިރުކަންމަތީ ބެހެއްޓުމަޓަކާއި އަބަދުމެ ވުޟޫ މަތީ ހުރުމަށް އާދަކުރާށެވެ.

• ނިދުމުގެ ކުރިން ތިބާ ކުރެވުނު ކަންކަމާއި މެދު ވިސްނާ ހިސާބުކުރަން އާދަކުރާށެވެ.

• ތިބާގެ ހެޔޮ ޢަމަލަށް ﷲ ގެ ޙަޟްރަތަށް ޝުކުރުކުރާށެވެ. އަދި ކުރެވުނު ގޯސް ކަންތަކާއި ފާފަތަކަށް ﷲ ގެ ޙަޟްރަތުން ތައުބާވާން އާދަކުރާށެވެ.

• އެކަނި ވަގުތު ހޭދަކުރާށެވެ. އަދި ތިބާގެ ޙަޔާތާއި ދޭތެރޭ ވިސްނައި ފިކުރުކޮށް، އެވަގުތު ތަކުގައި ޒިކުރުކުރުމާއި ތަޞްބީޙަ ކިޔުން އާދަކުރާށެވެ.

• ތިބާގެ ކެއުމާއި ބުއިން ކޮންމެހެން ކުރަން ޖެހޭ އާދައަކަށް ވީ ފަދައިން، ކިތައްމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެ ދުވަހަކުހެން ޞަދަގާތް ކުރުން އާދަކުރާށެވެ.

• ފޮތް ކިޔުމުގައި ވަގުތު ހޭދަކުރާށެވެ. ވަކިން ޚާއްޞަކޮށް ޤުރުއާން، ސިޔަރަތު، ޙަދީޘް އަދި ފިޤްހީ ފޮތްކިޔުން އާދަކުރާށެވެ.

• ވަގުތު ހޯދައިގެން އެހެން މީހުންނަށް ތިބާގެ ޢިލްމުންނާއި ހުނަރުން އެހީތެރި ވާން އާދަކުރާށެވެ. އަދި އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައި އެކިއެކި އާޓިކަލްތައް ލިޔާށެވެ. އެގޮތުން އުއްމަތުގެ ޙާލާތާއި، ޣައިރު މުސްލިމުންނަށާއި އަދި މުސްލިމުނަށް ނިސްބަތްކޮށް ތިބާއަށް ވީވަރަކުން ލިޔަން އާދަކުރާށެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ރޯދަމަހަށް ތައްޔަރުވުމުގެ ގޮތުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް