ހުޅުމާލޭ ދެ ވަނަ ފިޔަވަހިން "ހިޔާ" ފްލެޓް ކަށަވަރުވި ފަރާތްތަކަށް ފްލެޓްގެ ތަޅުދަނޑި މި މަހު ހަވާލުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެ ފެލްޓްތައް ހައްގުވެރިންނާ ހަވާލުކުރުމަށް ސަރުކާރުން ކުރިން ނިންމާފައި އޮތީ މާރިޗް މަހުގެތެރޭގައެވެ.
ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިން މިމަހުގައި ފްލެޓް ހަވާލުކުރަން ސަރުކާރުން މަސައްކަތްކުރި ނަމަވެސް ބަލަންޖެހޭ އިތުރު ކަންތައްތަކެއް ބަލަމުންދާތީވެ އެޕްރީލް މަހުގެތެރޭގައި ފްލެޓް ތަޅުދަނޑި ހަވާލު ކުރެވޭވަރު ވާނެކަމަށެވެ.
މަބްރޫކު ވިދާޅުވީ މިހާތަނަށް އަދި ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކާނެ މުއްދަތާއި ދައްކާނެ އަދަދު ކަނޑައަޅާފައި ނުވާކަމަށެވެ. އެކަންކަމާއި ކެބިނެޓްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިމި އިއުލާން ކުރެވޭނެ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ، ފްލެޓް ލިސްޓުގައި ސުވާލު އުފެދޭ ބައެއްކަންކަން ހުރުމުން އެކަންކަން ވެސް މިހާރު ބަލާ ހައްލު ކުރަމުން އަންނަ ކަމަށެވެ. އަދި ފައިނަލް ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މަބްރީކް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބަދަލެއް ކަމެއް މަބްރޫކް ވިދާޅުވެފައި ނުވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ، ހިޔާ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720ށް ބަދަލުކޮށްފައެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓު ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށެވެ.
ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ. ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ނިމިފައިވަނީ 44 އިންސައްތަ ކަމަށެވެ. އަދި އެ މަޝްރޫއުގެ 66 އިންސައްތަ ނިންމީ މި ސަރުކާރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް