އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލެންޑާއި ސްޕެއިން މޮޅުވެއްޖެއެވެ.
ގްރޫޕް އައިގައި ހިމެނޭ އިންގްލެންޑް މޮޅުވީ ޕޮލެންޑް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި އިންގްލެންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންގްލެންޑުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ހެރީ ކޭނެވެ.
އިންގްލެންޑް ލީގުގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ޔާކުން މޮޑާ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުން އިންގްލެންޑް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހެރީ މެގުއާއެވެ.
ރޭގެ މި މެޗުން އިންގްލެންޑް މޮޅުވިއިރު، މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް އެ ޤައުމު ވަނީ މޮޅުވެފައެވެ. އެހެންކަމުން އިންގްލެންޑް އޮތީ ގްރޫޕް އައިގެ އެއްވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ހަންގޭރީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އަލްބޭނިއާއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
މީގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ ސްޕެއިން ރޭ ކުޅުނު މެޗުން މޮޅުވީ ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ޤައުމުގައި ކުޅުނު މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތން މެޗުގެ 34 ވަނަ މިނެޓުގައި ޑަނިއެލް އޮލްމޯ ސްޕެއިނަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ސްޕެއިނަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ. އޭގެ ފަހުން މި މެޗުގެ 70 ވަނަ މިނެޓުގައި ބެސަރް ހަލީމީ ކާމިޔާބުކޮށްދިން ލަނޑުން ކޮސޯވޯއިން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ޖެރާޑް މޮރޭނޯ ވަނީ ސްޕެއިނަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ އަލުން ލީޑު ފުޅާކޮށްދީފައެވެ.
ރޭގެ މި މޮޅާއެކު ސްޕެއިން މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ސްވިޑެންނަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ގްރީސަށް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.
މި ގުރޫޕުގައ ހިމެނޭ ކޮސޯވޯ އަދި ޖޯޖިއާއަށް މިހާތަނަށް އަދޮ މޮޅެއް ހޯދިފައިނުވާއިރު، މި ދެޓީމުވެސް އޮތީ މި ގުރޫޕުގެ އެންމެ ފަހަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް