އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުން ނޯތު މެސެޑޯނިއާ އަތުން ޖަރުމަން ބަލިވެއްޖެއެވެ.
ގްރޫޕް ޖޭގައި ހިމެނޭ ޖަރުމަން ބަލިވީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގައި ނޯތު މެސެޑޯނިއާ ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ވެސް ނޯތު މެސެޑޯނިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޤައުމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ގޯރަން ޕާންޑޭވެވެ.
މި ލަނޑާއި އެކު މެސެޑޯނިއާ ކުރީގައި އޮވެގެން ނިމުނު ނަމަވެސް މެޗުގެ ފަހު ހާފުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިލްކާއި ގުންޑޮގާން ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މި މެޗުގައި ނޯތު މެސެޑޯނިއާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އެލްޖިފް އެލްމަސް ކާމިޔާބުކުރި ލަނޑުންނެވެ.
ރޭގެ މެޗުގައި ޖަރުމަންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އާދައިގެ ކުޅުމެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން މެޗެޑޯނިއާގެ ގޯލާ އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް ފޮނުވާލެވިފައިނުވެއެވެ.
ރޭގެ މި މެޗުން ޖަރުމަން ބަލިވިއިރު، ޖަރުމްނަ ވަނީ އެޓީމު ހިމެނޭ ގުރ÷ުގެ ތިންވަނައަށް ވެއްޓިފައެވެ. ޖަރުމަން ތިންވަނައިގައި އޮތީ ގްރޫޕް ޖޭގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް ނޯތު މެސެޑޯނިއާއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވި އާމީނިއާއެވެ. އެގޮތުން އާމީނިއާއަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް