މިއަހަރުގެ ދައުލަތުގެ ބަޖެޓު 12 މިލިއަން ރުފިޔާއިން ދަރަނި ވާނެ: އަމީރު

ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް އައިސްފައިވާ ހީނަރު ކަމުގެ ސަބަބުން މިއަހަރުގެ ދައުލަތުގެ ބަޖެޓު12 ބިލިއަން ރުފިޔާއިން ދަރަނިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ބ...

01 Apr 2020 | 18:59

ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް އައިސްފައިވާ ހީނަރު ކަމުގެ ސަބަބުން މިއަހަރުގެ ދައުލަތުގެ ބަޖެޓު12 ބިލިއަން ރުފިޔާއިން ދަރަނިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދަރަނިވުމުގެ މައިގަނޑު އަސްލު ގުޅިފައިވަނީ ޓޫރިޒަމް ދާއިރާއިން މިއަހަރަށް ލިބޭނެ ކަމަށް ލަފާ ކުރި އަދަދު ނުލިބޭނެތީ އެވެ. އަމީރު ވިދާޅުވީ ކުރިން ބަޖެޓަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ30 ބިލިއަން ރުފިޔާ ވައިރަސް އާއި ގުޅިގެން ޓޫރިޒަމް ގާތްގަނޑަކަށް ހުއްޓިފައިވާތީ ނުލިބޭނެ ކަމަށެވެ.

އެ30 ބިލިއަން ރުފިޔާ އަކީ ހިލޭ އެހީ އާއި ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ވަންނާނެ ކަމަށް ލަފާ ކުރި އަދަދެކެވެ.

އޭނާ ވިދަޅުވީ ކޯވިޑް-19 އާއި ގުޅިގެން އިގްތިސޯދު ހީނަރުވެ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިދިޔަ އަހަރާއި އަޅާ ބަލާއިރު5.7 ޕަސެންޓުން ދަށަށް ދާނެ ކަމަށެވެ. އަމީރު ވިދާޅުވީ މި ހާލަތަކީ ދުނިޔޭގެ އެއްވެސް ގައުމަކުން އަންނާނެ ކަމަށް ލަފާ ކުރި ނުވަތަ އުންމީދު ކުރި ހާލަތެއް ނޫން ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާއި، ބަޖެޓުގެ ތެރެއިން މިހާރު ބޭނުން ނުކުރުަން ނިންމާފައިވާ އެއް ބިލިއަން ރުފިޔާގެ އިތުރުންވެސް ފައިސާ ބާކީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ވީހާވެސް ކުޑަކުރުމަށް ހުރިހާ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓު ޑެފިސިޓް އަށް ފައިނޭންސް ކުރަން އެތޭރޭގެ ފަރާތްތަކުން އަދި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް