މަނާ ގަޑީގައި ބޭރުގައި އުޅޭ ނަމަ ނަސޭހަތްދީ ޖޫރިމަނާ ކުރަނީ

މާދަމާ އިން ފެށިގެން މާލޭގައި ކާފިއު ހިންގާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ނަސޭހައްދީ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގ...

01 Apr 2020 | 17:20

މާދަމާ އިން ފެށިގެން މާލޭގައި ކާފިއު ހިންގާ ގަޑިތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ނަސޭހައްދީ އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާދަމާ ހަވީރު5:00 ރޭގަނޑު8:00 އަށް ބޭރަށް ނުކުމެ އުޅުން ވަނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމަކުން ވަނީ މަނާކޮށްފައި އެވެ. މާދަމާ މެންދުރު 12:00 ފެށިގެން އެ ނޫން ވަގުތުތަކުގައި މަގުމަތީގައި އުޅޭއިރު ތިން މީހުންނަށް ވުރެ އިތުރަށް އެއްކޮށް އުޅުންވެސް ވަނީ މަނާކޮށްފައި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މި އެންގެވުން ފުލުހުން ތަންފީޒު ކުރައްވަމުން ގެންދާނެ ކަމަށެވެ.

އެގޮތުން މި އެންގުމާއި ހިލާފުވާ ފަރާތްތަކަކަށް ފުރަތަމަ ދޭނީ ނަސޭހަތް ކަމަށެވެ. އަދި އެކަން ތަކުރާރު ކުރާނަމަ ކޮންމެ ފަހަރަކު1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

ފުލުހުން ބުނީ ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި އިސްތިސްނާވާ ފަރާތްތަކަށް ދޫކުރާ ވެހިކަލް ސްޓީކާ ތިން ތަނަކުން ލިބޭނެ ކަމަށެވެ. އެގޮތުން މާލޭން ނަމަ ޕޮލިސް ޓޯޔާޑު، ވިލިމާލޭން ނަމަ ޕޮލިސް ސްޓޭޝަން އަދި ހުޅުމާލޭން ނަމަ ހުޅުމާލޭ ޕޮލިހުން ސްޓިކާ ލިބޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ސްޓިކާ ދޫކުރެވޭ ފަރާތްތަކުގެ ތެރޭގައި ޔުނިފޯމް ލައިގެން އޮފީހަށްދާ ދައުލަތުގެ އިދާރާތަކާއި، ބޭންކް، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، ވެމްކޯގެ މުވައްޒަފުން، ދައުލަތުގެ ވެހިކަލްތައް ހިމެނެ އެވެ. އަދި ޓެކްސީތަކާއި ގޭހާއި ފެން އުފުލާ ވެހިކަލްތައް ހިމެނެ އެވެ.

ފުލުހުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުންތަކަށް އަމަލު ކުރުމަށާއި، އިޖްތިމާއީ ގައިދުރު ކުރުމަށް ތަކުރާރުކޮށް ހަނދާން ކޮށްދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް