ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދޭން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޒީފާއިން ވަކި ކުރާ މުވައްޒަފުންނަށް ދޭނެ ފައިސާ ހަމަޖައްސާނީ ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްގައި ހިމެނޭ، ސީދާ ސަރުކާރުން ދޫކުރާ 1.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސްޕެކޭޖުގެ ތެރެއިން ކަމަށެވެ. އަނެއް އެއް ބިލިއަން ރުފިޔާ ދޫކުރާނީ ބީއެމްއެލް މެދުވެރިކޮށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި އެލަވަންސް ލިބޭނީ ހަމައެކަނި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް އެކަންޏެއް ނޫނެވެ. މުސާރަ އުނިކޮށްފައިވާ ފަރާތްތަކަށާއި މުސާރަ އާއި އިނާޔާތްތައް ނުލިބޭގޮތަށް ވަޒީފާއިން ފޮނުވާލާފައި ތިބި މީހުންނަށްވެސް މި އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒިފާ އާއި ބެހޭ ގާނޫނުގެ ތެރެއިން މުސާރަ އުނި ކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައި ހުންނަ ކަމަށެވެ. އެކަމަކު މިހާރު ލިބެމުން އަންނަ މުސާރަ ކޯވިޑް-19 އާއި ގުޅިގެން ދަށް ކުރަނީ ކަމަށް ބުނެ10،0000 ރުފިޔާއަށް ވުރެ ދަށްވުމަކީ ބަލައިގެންނާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއަށްވުރެ މުސާރަ ދަށްވެފައިވާ ފަރާތްތައް ސަރުކާރުން ދޫކުރާ އެލަވަންސްއަށް ޝަރުތު ހަމަވާނެ ކަމަށެވެ.
މި އެލަވަންސް ދޭން ނިންމާފައިވަނީ ކުރިޔަށް އޮތް ތިން މަހަށެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި އެލަވަންސްގެ ގޮތުގައި ދޭނެ އަދަދެއް އިއުލާނު ކުރައްވާނެ ކަމަށެވެ.
ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން ދޫކުރާ މި އެލަވަންސް ލިބޭނީ ރަސްމީކޮށް އެމީހެއްގެ ވަޒީފާއަށް ކޯވިޑް-19 ގެ ސަބަބުން ބަދަލު އައި ކަމަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރުމުންނެވެ. މިހާތަނަށް އެ ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ292 މީހުންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެދުމަކީ ވީހާވެސް ގިނަ މުވައްޒަފުން އޭގައި ރަޖިސްޓްރީވެ އެ މައުލޫމާތުތައް ސަރުކާރަށް ފޯރުކޮށްދިނުން ކަމަށެވެ.
ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮޕް މޯލްޑިވްސް (ޓީމް) ގެ ފަރާތުން ދާދި ފަހުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ11،0000 މުވައްޒަފުން މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ފޮނުވާލާފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ މިފަދަ ކުންފުނިތަކަށް މި ހާލަތުގައި ސަރުކާރުން ދޭ ސްޓިމިއުލަސް ޕެކޭޖު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާ ކުންފުނިތަކަށް ދޭށެވެ. އަދި އެފަރާތްތަކަށް އެ ޕެކޭޖް ދޭނީވެސް އެގޮތަށް އެއްބަސްވާނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް