ކޯވިޑް-19: އަނެއްކާވެސް ދިވެއްސަކު ޕޮސިޓިވް ވެއްޖެ، ރާއްޖެ އައީ އިނގިރޭސިވިލާތުން

އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ އެމީހާ ހުރީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އޭނާ ބައްޔަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތ...

01 Apr 2020 | 10:59

އިނގިރޭސިވިލާތުން ރާއްޖެ އައި އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ހުރީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ކަމަށެވެ. އޭނާ ބައްޔަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތައް ފެންނާތީ އެވެ.

ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުންދަނީ ބަލި ޖެހިފައިވާ މީހުންނާއި ބަލިން ރަނގަޅުވި މީހުންގެ ތެރެއިން މޮނިޓަރިންގައި ބައިތިއްބާ މީހުންނަށެވެ. ބެލެވޭ ގޮތުގައި މިއަދު ޕޮސިޓިވް ވެފައިވަނީ އިއްޔެ ރާއްޖެ އައި މީހެކެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ އިއްޔެ ރާއްޖެ އައީ ދެ ދިވެހިން ކަމަށެވެ. އެއާޕޯޓުން އެމީހުން ސްކްރީން ކުރި އިރު އޭގެ ތެރެއިން އެކަކުގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ހުރުމުން އޭނާ ގެންދިޔައީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަކަށް ކަމަށް ވިދާޅުވި އެވެ.

އަނެއް މީހާ ފޮނުވާލީ ކުޑަ ބަނޑޮސްގެ ކަރަންޓީން ފެސިލިޓީއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

https://twitter.com/HPA_MV/status/1245303954805792768

މި މީހާ އާއި އެކު ރާއްޖޭގައި ކޯވިޑް-19 އަށް ޕޮސިޓިވް މީހުންގެ އަދަދު19 އަށް އެރީއެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެ އެންމެން ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ މިދިޔަ މަހުގެ14 ދުވަހުން ފެށިގެން 19 ގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެންނާއި އެމީހުންނައި ގުޅުން ހުރި އެންމެން ބައްޔަށް ޓެސްޓު ކުރާށެވެ. އޭގެ ފަހުން އައި މީހުން ތިިބީ ކަރަންޓީން ފެސިލިޓީތަކުގައި އެވެ. އެމީހުން ކަރަންޓީނުން ދޫކޮށްލާއިރު ޓެސްޓު ކުރާނެ އެވެ.

މި ބައްޔަށް މި ވަގުތު ފަރުވާ ދެމުންދަނީ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި ބަލި ޖެހިގެން ފަރުވާ ދިން13 ބިދޭސީން ވަނީ ރަނގަޅުވެފައި އެވެ. އަނެއް ދެ ބިދޭސީންނަށް ބަލި ޖެހިފައިވާކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް