ޓެސްޓް ކުރަން ނިންމި ސައިންޓިފިކް ހަމައަކާ މެދު ނަޝީދު ސުވާލު އުފައްދަވައިފި

މިދިޔަ މަހުގެ14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމި ސައިންޓިފިކް ހަމައަކާއި މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައި...

01 Apr 2020 | 09:56

މިދިޔަ މަހުގެ14 ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމި ސައިންޓިފިކް ހަމައަކާއި މެދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވައިފި އެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ މާޗް 14 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި އެންމެންނާއި އެމީހުންގެ އާއިލާތަކާއި މުއާމަލާތް ކުރެވިފައިވާ މީހުން ވައިރަހަށް ޓެސްޓު ކުރާށެވެ.19 ވަނަ ދުވަހުގެ ފަހުން އައި އެންމެން ތިބީ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.

އެޗްޕީއޭއިން އެގޮތަށް ނިންމުމުން އެ ލިސްޓުގައި ރައީސް ނަޝީދު ހިމެނިވަޑައިގެންނަވަ އެވެ މަޖިލީހުގެ އިދާރާއިން ރޭ ބުނެފައިވަނީ ނުރަސްމީ ދަތުރުފުޅެއް މިދިޔަ މަހުގެ11 ން14 އަށް ނަޝީދު އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވި ކަމަށެވެ. އަދި އެޗްޕީއޭއިން އެދިވަޑައިގެންނަވާ ގޮތަކަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ނަޝީދު ހުންނެވި ކަމަށެވެ.

އެކަމަކު މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެޗްޕީއޭއިން މައުލޫމާތު ދެއްވި ގޮތުގައި ބައްޔަށް ޓެސްޓު ކުރަނީ އަލާމާތްތައް ފެންނަ މީހުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެއްވެސް ނިޝާނެއް ފެނިފައި ނުވާއިރު ވަކި ތާރީހަކުން ފެށިގެން ރާއްޖެ އައި މީހުން ބައްޔަށް ޓެސްޓު ކުރަން ނިންމީ ކޮން ސައިންޓިފިކް ހަމައަކަށް ބަލައިގެންތޯ ސުވާލު ކުރައްވަން ބޭނުންވާ ކަމަށެވެ.

ކޯވިޑް-19 ގެ އަލާމާތްތަކާއި ބަލި ފެތުރެމުންދާ ގޮތަށް ބަލައި އެޗްޕީއޭއިން ދަނީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ބަލީގެ އަލާމާތެއް ފެންނަން ނެތް ނަމަވެސް ވައިރަހަށް ޓެސްޓު ކުރަން ނިންމީ ކަރަންޓީން މުއްދަތު ފުރިހަމަ ކޮށްފައި ދެ ޓޫރިސްޓަކު ފުރި ފަހުން އެ ދެމީހުން ބައްޔަށް ޕޮސިޓިވްކަން އެނގުނު ހިސާބުންނެވެ.

މިހާތަނަށް ރާއްޖެ އިން ވައިރަހަށް ޕޮސިޓިވް ވި ތިން ދިވެހިންނަކީ އިނގިރޭސިވިލާތުން އައި މީހުންނެވެ. އެމީހުން ޕޮސިޓިވްވި އިރު ތިބީ ރިސޯޓުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް