އެމްޑީޕީ އަކަށް އިދިކޮޅު ފޮޓޯއަކަށް ބަލަން ވެސް ކެތެއް ނުވޭ: ޖަމީލް

އިދިކޮޅު ލީޑަރުންގެ ފޮޓޯއަކަށް ބަލަން މިއަދު އެމްޑީޕީ އަށް ކެތެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލ...

01 Apr 2020 | 09:49

އިދިކޮޅު ލީޑަރުންގެ ފޮޓޯއަކަށް ބަލަން މިއަދު އެމްޑީޕީ އަށް ކެތެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް އިޝާރާތް ކުރެއްވީ، އޮންލައިންކޮށް އިއްޔެ ބޭއްވި މަޖިލިހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވާހަކަ ދެއްކެވި އިރު، ފަހަތުގައި ހުރި ފާރުގައި ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި ޕޯސްޓަރުތައް ހަރުކޮށްފައި ހުރުމުން އެ ފާރު ނުފެންނަ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންގެވުމާ ގުޅިގެންނެވެ. ނަޝީދު އެގޮތަށް އެންގެވީ މަޖިލިހުގެ ގަވައިދު އެފަދަ ކަމެއް ކުރަން ތަން ނުދޭތީއެވެ.

މަޖިލީހުން އެގޮތަށް އަމަލު ކުރުމާ ގުޅިގެން ނައިބު ރައީސް ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރުގެ ފޮޓޯއަކަށް ބަލަން އެމްޑީޕީ އަށް ކެތެއް ނުވާ ކަމަށެވެ. އަދި އެމްޑީޕީން އިދިކޮޅުގައި ތިބިއިރު ކޮންމެ ކަހަލަ ހުތުރު ކަމެއް ވެސް ވެގެން ދިޔައީ މިނިވަން ކަމެއްގެ ގޮތުގައި ޖަމީލް ވިދާޅުވިއެވެ.

ޖަމީލުގެ ޓްވީޓްގައި އެމްޑީޕީއަށް އިޝާރަތްކުރައްވާ އިތުރަށް ވިދާޅުވީ ނޫސްވެރިންނާ މެދު ވެސް ފިޔަވަޅު އަޅަން މިހާރު ކެތްމަދުވެފައިވާ ކަމަށާއި ނަމުން ޑިމޮކްރެސީ، ކަމުން ޚުދުމުހުތާރު ކަމަށެވެ.

ޖަމީލްގެ ޓުވީޓުގައި ވަނީ ކުރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިހުގެ މޭޒު މައްޗަށް ކޮޅަށް އަރައިގެން ހުންނެވި މަންޒަރު ދައްކައިދޭ ފޮޓޯއެއް ވެސް ޓުވީޓު ކުރައްވައިފައެވެ. އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ވަޑައިގެންނެވި ދުވަހެއްގައި އިދިކޮޅު މެމްބަރުން ކުރެއްވި އިހުތިޖާޖްގެ ފޮޓޯއެއް ވެސް ޖަމީލް ގެ ޓްވީޓްގައި އާންމު ކުރެއްވިއެވެ.

https://twitter.com/MJameelAhmed/status/1245220150510358533

މީގެކުރިން މިހާރުގެ އިދިކޮޅު މެމްބަރުން ވެސް  ވަނީ މަޖިލިހުގެ ތަޅުމުގައި ޔާމީން މިނިވަން ކުރަން ގޮވާލައްވައި އިހުތިޖާޖް ކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް