އިސްލާމިކް ބޭންކުގެ ހުރިހާ ފައިނޭންސް ފެސިލިޓީޒް ލުއިކޮށްދޭނީ

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ ނުބައި އަސަރުތަކުގެ ތެރޭގައި، ފައިނޭންސް ފެސިލިޓީޒްތަކަށް އަނބުރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަދައިދޭން މޯލްޑިވްސް އިސްލާމިކް ބޭނ...

01 Apr 2020 | 08:19

ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރަމުންދާ ނުބައި އަސަރުތަކުގެ ތެރޭގައި، ފައިނޭންސް ފެސިލިޓީޒްތަކަށް އަނބުރާ ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަދައިދޭން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނިންމައި، އެކަމަށް އެދުމުގެ ފުރުސަތު ވެސް ހުޅުވާލައިފި އެވެ.

އިސްލާމިކް ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރާއި އެމްއެމްއޭގެ ސަޕޯޓު ޕްލޭނާ އެއްގޮތަށް އެ ބޭންކްގެ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުންގެ އިތުރުން އާއްމު ކަސްޓަމަރުންގެ ފައިނޭންސް ފެސިލިޓީޒްތައް ވެސް ލުއިކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެބޭންކްގެ ފައިނޭންސް ފެސިލިޓީސްގެ ދަށުން ނަގާފައިވާ ފޯނާއި  ސައިކަލު ފަދަ ތަކެއްޗަށް ފައިސާ ދެއްކުން ފަސްކުރެވޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. މިގޮތަށް ފަސް ކުރާ މުއްދަތު ކަނޑައަޅަނީ، ކޯވިޑް-19 އާ ގުޅިގެން އެމީހަކަށް ލިބޭ ގެއްލުން އިވެލުއޭޓް ކުރުމަށްފަހު ގައިކަމަށާއި، ކަސްޓަމަރުންނަށް ލިބޭ ގެއްލުމަށް ބަލައި ފަސް ކުރާ މުއްދަތު ހަ މަހަށް ވުރެ ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.

އެމްއައިބީން ދޭ ފުރުސަތުގެ ބޭނުން ހިފަން ހުށައަޅަން ޖެހޭ "ކޮވިޑް ސަޕޯޓް އެޕްލިކޭޝަން ފޯމް" އިސްލާމިކް ބޭންކުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އިސްލާމިކް ބޭންކުން ބުނީ ވިޔަފާރި އާއި ކޯޕަރޭޓް ކަސްޓަމަރުން ފޯމު ހުށަހެޅުމާ އެކު އެ ތަނެއްގެ އިންޓާނަލް އެސެސްމެންޓް ހަދައި ހޯދައިދެވޭނެ ލުއި ގޮތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ކަސްޓަމަރުން ފޯމު ހުށަހެޅުމުން އެޕްލިކޭޝަންތައް އިވެލިއޭޓްކޮށް ކުރިއަށް ދާން ޖެހޭ ގޮތް ވެސް ކިޔައިދޭނެ ކަމަށް ވެސް އިސްލާމިކް ބޭންކުން ބުންޏެވެ.

ސަޕޯޓު ފޯމުތައް ފުރުމަށް ފަހު [email protected] އަށް މެއިލްކުރަން އިސްލާމިކް ބޭންކުން އެދެ އެވެ. މިއީ މި ދަނޑިވަޅު ގެއިން ބޭރަށް ނުކުމެ އުޅުމުގެ ބަދަލުގައި ގޭގައި ތިބެގެން ހިދުމަތް ހޯދަން ބާރުއެޅުމުގެ ގޮތުން އެ ބޭންކުން ނިންމި ނިންމުމެކެވެ.

އިސްލާމިކް ބޭންކުން ބުނީ މި ދަނޑިވަޅު ސަރުކާރުން ނިންމާ ނިންމުންތަކަށް ފުރިހަމައަސް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ކުރު ރާސްތާ އާއި ދިގު ރާސްތާއަށް އަމާޒުކޮށް ސަރުކާރާއި އެމްއެމްއޭއިން އަޅާ ފިޔަވަޅުތަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް