ކޯވިޑް-19 އަށް ޓެސްޓު ކުރެއްވުމަށް ނަޝީދު ހުންނެވީ ތައްޔާރަށް: މަޖިލީހުގެ އިދާރާ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއ...

01 Apr 2020 | 08:03

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުން މިކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތުން މީގެ ކުރިން އައިސްފައިވާ ދިވެހިންނާއި އެމީހުން ކޮންޓެކްޓްވި އެންމެން ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފެށުމާއި ގުޅިގެންނެވެ. އެ ސެންޓަރުން ބުނީ ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް މިދިޔަ މަހުގެ14 ދުވަހުން ފެށިގެން19 ވަނަ ދުވަހާއި ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

އެ މުއްދަތުގައި ރާއްޖެ އައި މީހުން ތިބީ މާލޭގައި ހޯމް ކަރަންޓީންގައި އެވެ. އެހެންވެ ނިންމާފައިވަނީ އެމީހުންގެ އާއިލާ މެންބަރުންވެސް ޓެސްޓު ކުރާށެވެ.

މަޖިލީހުގެ އިދާރާއިން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާޗް 11 އިން 14 އަށް މަޖިލީހުގެ ރައީސް އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކަމަށެވެ. އެހެން ކަމަށް ވާނަމަ ނަޝީދުވެސް ކޯވިޑް-19 އަށް ޓެސްޓު ކުރައްވަން ޖެހޭނެ އެވެ.

އެމަނިކުފާނު މި ދަތުރުފުޅު ކުރެއްވިއިރު ކޯވިޑް-19 އަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ހުރިހާ މީހުން ކޯވިޑަށް ޓެސްޓް ކުރަން ކަމާބެހޭ ފަރާތްތަކުން ނިންމާފަ ނުވާ ކަމަށާ އަދި އިނގިރޭސިވިލާތާ ގުޅޭ ގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީއެއް ވެސް ނެރެފައި ނުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ހުންނެވީ އެޗްޕީއޭއިން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލު ކުރެއްވުމަށް ތައްޔާރަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ މުއްދަތުގައި ރާއްޖެ އައި މީހުންނާއި އެމީހުންނާ ގުޅުން ހުރި މީހުންނާއި އެކު50 އަށްވުރެ ގިނަ މީހުން ވައިރަހަށް ޓެސްޓު ކުރަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވް ވި ތިން ދިވެހިންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނެވެ. އެކަމަކު އެ ތިން މީހުން ބައްޔަށް ޕޮސިޓިވްވި އިރު ތިބީ ރާއްޖެ އައިދުވަހުން ފެށިގެން ކަރަންޓީން ފެސިލިޓީތަކުގައި ދެ ރިސޯޓެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް