ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބަގާވާތް ކުރެއްވިކަން ނަޝީދު ސާބިތުކޮށް ދެއްވައިފި ނަމަ އަގުހުރި އިނާމުތަކެއް ދޭން ޝަހީމް ނިންމަވައިފި އެވެ.
މި އިނާމު ހުށަހަޅަން ޖެހުނީ ޑރ. ޝަހީމް ޓުވިޓާ މެދުވެރިކޮށް މިހާރު ކުރިޔަށް ގެންދަވާ ޤުރުއާން ޗެލެންޖުގައި ބައިވެރިވުމުގެ ދައުވަތު ނަޝީދަށް ދެއްވުމުން ދެއްވި ޖަވާބާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވެފައިވަނީ ޝަހީމަކީ ބަގާވަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާ އެކަމަށް ތައުބާ ވެއްޖެނަމަ އެ ޗެެލެންޖްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިކަމާ ހިތްހަމަ ޖެހިވަޑައިނުގަތް ޝަހީމް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ނަޝީދުގެ ވެރިކަން ހަތެއް ފެބްރުއަރީގައި ބަދަލުވެގެން ދިއުމަށް މެދުވެރިވި22 ދުވަހުގެ މުޒާހަރާތަކާއި ގުޅިގެން ޝަހީމް ނަޝީދަށް ޗެލެއްޖު ކުރައްވާ ކަމަށެވެ. އެގޮތުން އެ ހިނގާދިޔަ ކަންކަމުގައި ޝަހީމް އޯޑިއޯއެއް، ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވެސް ނުދެއްކޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އޭގެއް އެއްވެސް ތަނަކުން ޝަހީމް ދައްކައިފި ނަމަ ނަޝީދަށް އުމްރާ ދަތުރަކާއި150،000 ރުފިޔާ ދޭނެ ކަމަށެވެ. އުމްރާ ދަތުރުގައި ހުރުމާއި ކެއުމާއި ދެކޮޅު ޓިކެޓު އިތުރުން ނަޝީދުގެ ތަކެތި އުފުލައި ދޭނެ ކަމަށްވެސް ޝަހީމް ޓުވީޓު ކުރައްވާފައިވެ އެވެ.
https://twitter.com/Mohamedshaheem1/status/1245061212402003968
މިކަމާ ގުޅިގެން ނަޝީދު ފަހުން އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ޝަހީމް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ވެސް އެ ތުހުމަތު ކުރައްވާފައިވާތީ އެ ކަމަށް ރައްދު ދެއްވާފައެވެ.
ޝިފާޒް ވަނީ ޝަހީމަކީ ބަގާވާތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާ އެހެން ކަމުން އެހެން ކަންކަމަށް ޗެލެންޖް ކުރުމުގެ ކުރިން ތައުބާވުމަށް ގޮވާލާފަ އެވެ. ޝަހީމް ވަނީ ރައީސް އޮފީހުގެ ޗީފް އޮފް ކޮމިއުނިކޭޝަންގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ނާއިބް ރައީސް އަލީ ޒާހިރުގެ ކިބައިން އެ ދުވަހު ޝަހީމް ހުންނެވީ ކޮންތާކުތޯ ސާފު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް