މިއަހަރުގެ ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތައް މަޑުޖައްސާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އެދިއްޖެ އެވެ.
އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު މުހައްމަދު ސޯލިހު ބިން ތޯހިރު ވިދާޅުވީ އެ ގައުމު އޮތީ ހައްޖާ އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ހުރިހާ މުސްލިމުންނަށް ދިނުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އެކަމަކު މުޅި ދުނިޔޭގައ ބަލިމަޑުކަމެއް އުފެދިފައިވާ މި ދަނޑިވަޅުގައި އެ ގައުމުން ބޭނުންވަނީ ސައުދީ ރައްޔިތުންނާއި މުސްލިމުންގެ ރައްކާތެރިކަން އިސްކުރުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޯވިޑް-19 މުޅި ދުނިޔެއަށް ފެތުރި ބަލިމަޑުކަމެއްގެ ތެރެއަށް ދުނިޔެ ވެއްޓިފައިވާ މި ދަނޑިވަޅު މުސްލިމުން ހައްޖަށް ދިއުމަށް ވަމުންދާ ތައްޔާރީތައް މަޑު ޖައްސާލުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. ވައިރަހާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ލިބެންދެން ހުރިހާ މުސްލިމުންވެސް ހައްޖަށް ދިއުމަށް ނުވަތަ މީހުން ގެންދިއުމަށް އެއްވެސް ކޮންޓްރެކްޓެއް ނަހަދާ މަޑުކޮށްލަން އަންގާފައިވާނެ ކަމަށް ސައުދީގެ ހައްޖު މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީން ހައްޖު ކެންސަލްކޮށްފި ނަމަ އެވާނީ ފަހުގެ ތާރީހުގައި ހައްޖު ކެންސަލް ކުރި ފުރަތަމަ ފަހަރަށެވެ. އެކަމަކު ސައުދީގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ އެތައް އަހަރެއް ކުރިން ބަލިމަޑުކަމެއްގެ ސަބަބުން ހައްޖު ކެންސަލްކޮށްފައިވެ އެވެ.
ކޯވިޑް-19 ގެ ބިރު ސައުދީގައި ބޮޑުވެ އެ ގައުމުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ދަށުން އެ ގައުމުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އެވެ. އަދި މުއްދަތެއް ނެތް ގޮތަށް އުމްރާވުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި އެވެ.
މީގެ އިތުރުން އެގައުމުގެ ވައިގެ ދަތުރުތައް ހުއްޓާލާފައިވާއިރު ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައި އެވެ. ސައުދީގައި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މައްކާގައި އެވެ. އެހެންވެ މައްކާ، މަދީނާ އަދި ބައެއް ބޮޑެތި ސިޓީތަކަށް މީހުން ވަދެ ނުކުމެވުން ވަނީ މަނާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް