މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން މަނާކޮށްފި އެވެ.
މިގޮތަށް ނިންމީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންނެވެ. މި އެންގުމަށް އަމަލު ކުރަން ފަށަން ޖެހެނީ މާދަމާ މެންދުރު12:00 ން ފެށިގެންނެވެ.
އެ އެންގުމުގައި ބުނެފައިވަނީ މާލޭ، ވިލިމާލެ އަދި ހުޅުމާލޭގައި މާދަމާއިން ފެށިގެން ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ އެންމެހާ ތަންތަނުގެ ޓޭކް އަވޭ ހިދުމަތްތައް ރޭގަނޑު 12:00 ފެށިގެން ހެނދުނު6:00 އަށް ބަންދު ކުރަން ޖެހޭނެ ކަމަށެވެ.
މިހާރުވެސް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ދެވެނީ ޓޭކް އަވޭގެ ހިދުމަތް އެކަންޏެވެ. ކެފޭ ރެސްޓޯރެންޓުތަކުގައި މީހުން އެއްވެ ތިބެ ކެއުން ވަނީ މަނާކޮށްފައި އެވެ.
މި އެންގުމާއި އެއްގޮތަށް އަމަލު ކުރަންޖެހެނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
އެޗްޕީއޭއިން ވަނީ މި އެންގުމާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގާފައި އެވެ. މި ފިޔަވަޅަކީ ރާއްޖޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ވީހާވެސް ބޮޑަށް ހަނި ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް